ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ޖަރީމާ ހިންގި ރައީސަކީ ޔާމީން ކަމަށާއި އިންޞާފުގެ ކުރިމައްޗަށް ރައީސް ޔާމީން ގެންދަން މިހާރުވެސް މާލަސްވެއްޖެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިރޭ ވިދާޅުވީ ވެރިކަމަށް ހަފްތާއެއްވެގެންދާއިރު ރައީސް ޔާމީނުގެ މައްސަލަތައް ބަލާކަމުގެ އެއްވެސް އަޑެއް އަދިވެސް އިވިވަޑައި ނުގަންނަވާ ކަމަށާއި ރައްޔިތުންނަށް އެކަމުގެ އަޑުތައް އިވެން އެބަޖެހޭ ކަމަށެވެ. 'ފުލުހަށް ގެންދެވެން އެބަޖެހޭ. ސުވާލު ކުރެވެން އެބަޖެހޭ. އެސީސީ އަށާއި އެހެނިހެން މުއައްސަސާތަކަށް ހާޒިރުކުރެވެން އެބަޖެހޭ. ކޯޓުތަކަށް ހުށަހަޅައިގެން ޝަރީޢަތް ކުރެވެން އެބަޖެހޭ."
ނާޒިމް ވިދާޅުވީ އިންޞާފުގެ ކުރިމައްޗަށް ރައީސް ޔާމީނު ގެންދަން މިހާރުވެސް ލަސްވެއްޖެ ކަމަށެވެ. "ރައީސް ޔާމީނަށް ހުންނެވިގެން ނުވާނެ ބައްލަވައިގަތް ގެއަކު. އެ ގެ ބައްލަވައިގަތް ފުރަތަމަ ބަލަން އެބަޖެހޭ. ރާއްޖެއަކު ލާޖައްސައިގެން ގޯތި ގަނެވޭ ގޮތެއް ނޯވޭ. އެހެންވީމާ ރައީސް ޔާމީނަށް މިހާރު އަރާމުގަ ގޭގައި އޮވެލެވިގެން ނުވާނެ."
ނާޒިމް ވިދާޅުވީ ރައީސް ޔާމީނު އިންޞާފުގެ ކުރިމައްޗަށް ނުގެންދެވިއްޖެ ނަމަ ރައްޔިތުން ފެއިލްވީ ކަމަށެވެ. "ރައްޔިތުންގެ އުންމީދުތައް މިވަނީ ރައީސް ޔާމީނުގެ މައްސަލަތަކާ ގުޅިފަ. ގެއްލިފައިވާ ފައިސާތައް ހޯދައިދެވެން އެބަ ޖެހޭ. ކުރި އަނިޔާ ތަކަށް އިންޞާފުވެސް ހޯދައި ދެވެން ޖެހޭނެ. އެހެން ނޫނީ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދެވުނު ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން."
ނާޒިމް ވަނީ ރައީސް ޔާމީނުގެ މައްސަލަތައް ބަލަން މިހާރުން މިހާރަށް ފެށުމަށް ކަމާއިބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފައެވެ.