ދައްކާ ވާހަކަތައް އޮޅުވައި ނުލާ! - ދެމިހުންނާނީ މިސަރުކާރު ދަމަހައްޓަން ކުރެވެން އޮތްހައި މަސައްކަތެއް ކުރާމީހެއްގެ ގޮތުގަ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ދައްކާ ވާހަކަތައް އޮޅުވައި ނުލާ! - ދެމިހުންނާނީ މިސަރުކާރު ދަމަހައްޓަން ކުރެވެން އޮތްހައި މަސައްކަތެއް ކުރާމީހެއްގެ ގޮތުގަ: ޤާސިމް

ޖުމްހޫރީ ޕާޓީގައި ދައްކާ ވާހަކަތައް އޮޅުވައި ނުލުމަށާއި ދެމިހުންނަވާނީ މިސަރުކާރު ދަމަހައްޓަން ކުރެއްވެން އޮތްހައި މަސައްކަތެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނޮޅިވަރަން ދާއިރާގެ މެންބަރު ޙުސައިން ޢަރީފް އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް (ރޓ) މޭޖަރ ޖެނެރަލް މުސާ ޢަލީ ޖަލީލް ޖޭޕީ އާއި ގުޅުމަށް މިއަދު އެޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިލްހާމް އިއްޔެ ވިދާޅުވީ "2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވާދަ ކުރާނަމަ ހުންނަވާނީ އަޅުގަނޑާއި އެއް ޕްލެޓް ފޯމެއްގައި" ކަމަށާއި ނަމަވެސް އެވާހަކަ މުޅިން އެހެން ގޮތަކަށް ބަދަލުކޮށް ސޯޝަލް މީޑިއާގައާއި ބައެއް ނޫސްތަކުގައި ފަތުރާފައިވާތީ ހިތާމަކުރައްވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ކިތަންމެ ކުޑަ ނަމަވެސް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ. "އަޅުގަނޑު ދެމިހުންނާނީ ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙް އެމަޤާމުގައި ބެހެއްޓުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާ މީހެއްގެ ގޮތުގަ. އެކަމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ގޮތުންނާއި ޖޭޕީގެ ހައިޞިއްޔަތުން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާ މީހެއްގެ ގޮތުގައި. ވަރަށް ސާބިތުކަމާއިއެކު އެ މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން."

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ ޝަޚްޞް ކަތިލުމަށް އެކި ގޮތްގޮތުން ވަރަށް ގިނަ މަސައްކަތްތައް ގިނަ ބައަކު ކޮށްފި ކަމަށާއި ނަމަވެސް އެގޮތުން ކުރި އެއްވެސް މަސައްކަތަކުން އެބައަކަށް ލިބުނު އެއްވެސް ކާމިޔާބެއް މިހައި ތަނަށް ނެތް ކަމަށެވެ. ކިތަންމެ ގިނައިން ދޮގު ވާހަކަތައް ފެތުރި ނަމަވެސް ޙަޤީޤަތް ހާމަވެ އެމަނިކުފާނާއިމެދު ކުރަނީ ކަނޑައެޅިގެން ދޮގު ތުހުމަތުތައްކަން ހާމަވަމުން އަންނަ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޤައުމުގައި ފިތުނަ ފަސާދަ އުފައްދައި ޤައުމު ހަލާކުކުރަން ކުރާ އެއްވެސް މަސައްކަތަކުން ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަން މިއަދު މިވަނީ ވަރަށް ރަނގަޅަށް އެނގިފައި ކަމަށެވެ. "އެކަން 23 ސެޕްޓެމްބަރުގަ ލީ ވޯޓުން ރައްޔިތުން ވަރަށް ރަނގަޅަށް ދައްކައިދީފި. އެއްށް ފަހުވެސް އެއިރު އެކަންކަމުގަ އުޅުނު މީހުން އަނެއްކާވެސް މި ނުކުންނަނީ އޭތި މީތި ކިޔަން. އެހެން ނުހެއްދެވުމަށް އަޅުގަނޑު މިއެދެނީ. އެއީ ވަރަށް ބޮޑު ގޯހެކޭ އިނގޭތޯ!"

ޤާސިމް އިބްރާހީމް ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާއިއެކު ފިތުނަ ފަސާދަ ޢާއި ނާއިންޞާފަށް މިޤައުމުގައި ދެން އެއްވެސް ޖާގައެއް ނުލިބޭނެ ކަމަށެވެ. ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށެވެ.

މިއަދު އޮންލައިން