ރާއްޖޭގެ ބޭރުގެ ދަރަނީގެ އަދަދު ޔަޤީން ނުވާތީ ބޭރުގެ މީޑިއާ ތަކުން "ގޭސްގަނޑު އަނބުރަމުން" އެބަ ގެންދެއެވެ. އެމްއެމްއޭ އިން ހާމަކޮށްފައިވާ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނިޔަލަށް ބޭރުގެ ދަރަންޏަކީ 1.2 ބިލިއަން އެމެރިކާ ޑޮލަރެވެ. އެމްއެމްއޭ ޢާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއަދަދަކީ ހަމަ އެކަނި ދައުލަތުގެ ދަރަންޏެވެ.
ދައުލަތުން ސޮވްރީން ގަރަންޓީ ދީގެން ނަގާފައިވާ ލޯނުތަކެއް މިއަދަދަކު ނުހިމެނެއެވެ. އަދި އެފަދަ ލޯނުތައް ޤައުމުގެ ދަރަނީގެ ގޮތުގައި ހިމެނޭނީ އެ ލޯނުތައް ނަގާފައިވާ ފަރާތްތަކުން ޤަވާއިދުން ދައްކަން ފޭލްވެއްޖެ ނަމައެވެ.
އެ ދަރަނިތައް ދައްކަން ސަރުކާރަށް ޖެހިއްޖެ ނަމައެވެ. ބެލެވޭ ގޮތުން ޗައިނާއިން ސަރުކާރުގެ ކުންފުނިތަކަށް ދޭން ނިންމާފައިވާ ލޯނުތަކުގެ އަދަދަކީ 900 މިލިއަން ޑޮލަރެވެ. މި ލޯނުތަކުން ހިންގާ މަޝްރޫޢުތައް އަދި ނުނިމޭތީ މިއަދަދު އެކުގައި އަދި ދޫކޮށްފައެއް ނުވެއެވެ.
ޗައިނާއިން ދީފައިވާ ލޯނުތަކުގެ މަޝްރޫޢްތައް ހިންގަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އަދި މަސައްކަތް ނިންމުމުން ފައިސާ ދޫކުރަނީވެސް މަސައްކަތް ކުރި ކުންފުނިތަކަށެވެ. ޗައިނާއިން ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި މިހާރުވެސް އެއާޕޯޓުގައި ކުރިއަށް ގެންދާ ސީޕިލޭން ޓަރމިނަލާއި އެހެންވެސް ބައެއް މަޝްރޫޢުތައް ހިމެނެއެވެ. ހުޅުމާލޭގައި ކުރިއަށް ގެންދާ ފެނާއި ކަރަންޓުގެ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.
އަދި މީގެތެރޭގައި ފެނާއި ކަރަންޓް ބްރިޖް މެދުވެރިކޮށް މާލެ ޢާއި ގުޅައިލުމުގެ މަޝްރޫތައް ހިމެނޭކަން ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ފިނޭންސް މިނިސްޓަރ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ދައުލަތަށް ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ސޮވްރިން ގަރަންޓީތަކުގެ މައުލޫމާތު އެއްކުރައްވަމުން ގެންދަވާ ކަމަށާއި ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. އެމްއެމްއޭ އިން ބުނެފައިވަނީ އެ ކަންކަމުގެ ފުރިހަމަ މައުލޫމާތު އެމްއެމްއޭ އަށް ލިބިފައި ނުވާ ކަމަށެވެ. އެމްއެމްއޭއަށް ވެސް އެކަންކަމުގެ މައުޅޫމާތު ނުދީ ހިފަހައްތާފައިވުމަކީ ވަރަށް ގިނަ ސުވާލުތައް އުފެދޭ ކަމެކެވެ.