ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ހަމައެކަނި "ރޫމްބޯއިން" ތަމްރީނުކޮށްގެން ފަތުރުވެރިކަމުން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ފައިދާ ނުހޯދޭނެ ކަމަށް ޑރ. އަޙްމްދު ޢަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ޑރ. ސަވާދު ވިދާޅުވީ ރާއްޖޭގެ އިޤްޠިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެސް ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރަން މަސައްކަތްކުރާއިރު މިއީ ތައުލީމީ ދާއިރާތަކުން އިތުރަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސްމަޤާމުތަކަށް ބަލާއިރު ދިވެހިން ހިއްސާ ކުރަނީ ވަރަށް މަދު މިންވަރެކެވެ. ނަތީޖާއެއްގެ ގޮތުން ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒިފުންގެ މުސާރައިން 90 އިންސައްތަ ދަނީ ޤައުމުން ބޭރުވަމުން ކަމަށްބެލެވޭއިރު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ފެށި 50 އަހަރު ފުރެންދާއިރު އަދި ވެސް އެފަދަ ދިރާސާއެއްވެސް ރަނގަޅު ގޮތުގައި ކުރެވުނުކަން އެނގޭކަށް ނެތެވެ.
މިހާރުވެސް މުވައްޒިފުން ތަމްރީނުކުރުމުގެ މަސައްކަތް ގިނައިން ކުރަނީ ބޮޑެތި ރިޒޯޓްތަކުންނެވެ. ހިންގަނީ ވަރަށް އާދައިގެ ފެންވަރުގެ ކޯސްތަކެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ މުވައްޒިފުން ތަމްރީނުކުރުމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ކޯސްތައް ހިންގަނީ ވިލާ ކޮލެޖުންކަން ފާހަގަކުރެވެއެވެ.