ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ސިއްޙީ ހާލުކޮޅު މާބޮޑަށް ދަށްވެފައިވުމުން، އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކަރެކްޝަންސް އަށް އަންގައިފިއެވެ.
އެޗްއާރްސީއެމުން މިކަން ކަރެކްޝަންސް އަށް އަންގާފައިވަނީ އަދީބުގެ ކިޑްނީގެ އޮޕަރޭޝަނެއް ކުރުމާއި ގުޅިގެން، ތިން ހަފްތާ ވަންދެން އެމަނިކުފާނު އާއިލާ ކައިރިއަށް ގެއަށް ބަދަލު ކިރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވަނިކޮށެވެ. އެއާއިލާއިން ވަނީ ޑޮކްޓަރުގެ ސިޓީއާއި ލިޔުންތަކާއެކު އެކަން އެޗްއާރްސީއެމް އާއި ހިއްސާ ކޮށްފައެވެ.
މިލިޔުމަށް ބިނާކޮށް އެކޮމިޝަނުންވަނީ ކުރީގެ ނައިބު ރައީސް ގެއަށް ބަދަލު ކުރުމަށް ކަރެކްޝަންސް އަށް އަންގާފައެވެ. އަދި ކަރެކްޝަންސް އިން އެއެންގުމާއި އެއްގޮތަށް އަމަލު ކޮށްފައިވޭތޯ ވެސް އެޗްއާރްސީއެމް އިން ވަނީ އެއާއިލާއާއި ސުވާލުކޮށްފައެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައިވަނީ އެޗްއާރްސީއެމް އިން އެފަދައިން އެންގި ނަމަވެސް، އެކަމާއިމެދު ކަރެކްޝަންސް އިން އަމަލު ކުރާނެ ގޮތެއް އަދި މިއަދުގެ މިވަގުތާއި ހަމައަށް ވެސް އަންގާފައިނުވާ ކަމަށެވެ. އަދި އަދީބުގެ ބަލިހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުން ކަރެކްޝަންސް އަށް ވެސް ހުށަހެޅި ކަމަށާއި ގޭ ބަންދަށް ބަދަލު ކޮށްދެއްވަން އެދިފައިވާނެ ކަމަށް ނަޝްވާ ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސްގެ ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުން، އެހިލަކޮޅު ނައްތާލުމަށް އޮޕަރޭޝަނެއް ކޮށްފައިވުމުގެ ސަބަބުން 24 ގަޑިއިރު އާއިލާގެ އެހީތެރިކަން ބޭނުންވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ވިދާޅުވެފައިވެއެވެ.