ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކިޑްނީ އޮޕަރޭޝަނަށްފަހު، އައިޖީއެމްއެޗްގައި އަދިވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާތީ، އެމަނިކުފާނުގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުން މިއަދު ކެންސަލް ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު، 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ހައިކޯޓުގައި މިއަދު ބާއްވަން އުޅުނީ އެމައްސަލައިގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމެވެ.
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ، ހައިކޯޓުގައި ތާވަލުކުރި އެއަޑުއެހުން ވަކީލުންގެ އެދުމަކަށް ކެންސަލް ކުރީ އަބީދުގެ ބަލި ހާލު ގޯސްވުމުން ކަމަށެވެ.
ކުރީގެ ނައިބު ރައީސްގެ ޝަރީއަތެއް ހައިކޯޓުގައި ތާވަލުކޮށް ވަކީލުންނަށް ޗިޓު ފޮނުވާފައިވަނީ، އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓު ކުރުމުގެ ކުރިންނެވެ.
މީގެ ދެ ހަފްތާ ކުރިން އަދީބު އެޑްމިޓު ކުރީ ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުންނެވެ. އެހިލަކޮޅުތައް ބޭސް ދީގެން ވެސް ނައްތާނުލެވިފައިވާއިރު، ކިޑްނީ ދުޅަވެފައިވާ ކަމަށް ވެސް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ.
އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް މިހާރު ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ތިން ހަފްތާ ވަންދެން އެމަނިކުފާނު އަރިހު އާއިލާ މީހުން ތިބެން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން، އެޗްއާރްސީއެމް އިން ވަނީ އަދީބު ގެއަށް ބަދަލު ކުރުމަށް ކަރެކްޝަންސް އަށް އަންގައިފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް އިން ނިންމި ގޮތެއް އަދި ހާމަވެފައެއް ނުވެއެވެ.