ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް އަބަދުވެސް ގޮވާލައްވަމުން ގެންދަވަނީ އަދީބަށްވެސް އަދި އެންމެންނަށް ވެސް ލިބެންޖެހޭ ޙައްޤުތައް ފޯރުކޮށް ދިނުމުގަ އިހްމާލު ނުވުމަށެވެ.
ޖަރުމަން ވިލާތުގައި ހުންނެވިއިރުވެސް އަދި ރާއްޖެ ވަޑައިގަތުމަށްފަހުވެސް، ރައީސް ޔާމީނުގެ ސަރުކާރުން ބޭސްފަރުވާ ކުރުމުގެ ޙައްޤުން އަދީބް މަޙްރޫމްކޮށްފައިވާތީ ޤާސިމް އިބްރާހީމް ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. މީގެ އިތުރުން އަދީބުގެ މައްޗަށް ވެސް އަދި ކޮންމެ މީހެއްގެ މައްޗަށް ނަމަވެސް ކުރެވޭ ޝަރީޢަތްތައް އަދުލުވެރިކަމާއިއެކު ދެފުށް ފެންނަ ގޮތަށް ކުރަމުން ގެންދިއުމަށް ޤާސިމް އިބްރާހީމް ގެންދަވަނީ ލައިވް ކުރެވޭ ޕްރޮގްގަރާމްތަކުގައި ގޮވާލައްވަމުންނެވެ.
ނަމަވެސް މިފަދަ އެއްވެސް ކަމަކަށް ބެލުމެއްނެތި އަދީބް ގެއަށް ބަދަލު ކުރުމަށް ޤާސިމް އިބްރާހީމް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ބުނެ އެމަނިކުފާނުގެ ޢަދާވާތްތެރިން ގެންދަނީ ފިތުނަވެރި ވާހަކަތައް ފަތުރަމުންނެވެ.
ޤާސިމް އިބްރާހީމް އަކީ އެއްވެސް މީހެއްގެ ބޭސް ފަރުވާއަށް ހުރަސް އަޅުވައްވާނެ ބޭފުޅެއް ނޫންކަން އެމަނިކުފާނު ވަނީ ދިވެހި އުންމަތަށް ދައްކަވައި ދެއްވަވައިފައެވެ.
ދިވެހި ސަރުކާރުން އާސަންދަ ތައާރަފްކުރީ 2008 ގައި ވެރިކަން ބަދަލުވުމާއި ގުޅިގެން ނަމަވެސް ޤާސިމް އިބްރާހީމް ވަނީ 1980ގެ ތެރޭގައި ހުސްނުވާ އާސަންދަ ތަޢާފް ކުރައްވައިފައެވެ. މިއަދު ސަރުކާރުން އާސަންދަ ތައާރަފްކޮށް ޚިދުމަތް ދެމުން ގެންދިއަ ނަމަވެސް ދިވެހި ދައުލަތުން އާސަން ތަޢާރްފްކޮށްފައި ވަނީ ޤާސިމް އިބްރާހީމް އަށްވުރެ 30 ވަރަކަށް އަހަރުވަރު ފަހުންނެވެ. ދައުލަތުގެ ޢާސަނދައަށް އަދި މިވަނީ 10 އަހަރެވެ. ޤާސިމް އިބްރާހީމްގެ އާސަނދައަށް ވަނީ 40 އަހަރުވެފައެވެ. މި ދިގު މުއްދަތުގައި އެމަނިކުފާނު ވަނީ އެތައް ހާސް ބައެއްގެ ބޭސްފަރުވާއަށް ބޮޑެތި އަދަދުތައް ހޭދަކުރައްވައި އެހީތެރިވެދެއްވައިފައެވެ. ކެންސަރާއި ކިޑްނީގެ ބަލިތަކާއި ކިޑްނީ ބަދަލުކުރުން ފަދަ ބޮޑެތި އެތައް ބަލިތަކެއްގައި ވަނީ އެހީތެރިވެދެއްވައިފައެވެ.
މިހުރިހާ ކަމަކުންވެސް އެނގެނީ ޤާސިމް އިބްރާހީމް އަކީ މީހުންގެ ބޭސްފަރުވާއަށް އެހީތެރިވެދެއްވާ ބޭފުޅެއް ކަމެވެ. އެފަދަ ބޭފުޅަކު އެއްވެސް މީހެއްގެ ބޭސް ފަރުވާއަށް ހުރަސް އަޅުއްވާ ކަމަށް ބުނުމަކީ އެއްވެސް ގޮތަކުން ބުނާ އިންޞާފުވެރި ބަހެއް ކަމަކަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތެވެ.
ޤާސިމް އިބްރާހީމް މިއަދު ހުންނެވި ދައުލަތުގެ މަޤާމަކީވެސް އެއްވެސް މީހެއްގެ ބޭސް ފަރުވާ ކުރުމާއި އެއްވެސް ގުޅުމެއް ހުރި މަޤާމެއް ނޫނެވެ. އަދީބްގެ ބޭސްފަރުވާގެ ކަންކަން ގުޅިފައިވަނީ ކަރެކްޝަންސް ޢާއިއެވެ. ކަރެކްޝަންސް ހިންގަނީ ހޯމް މިނިސްޓްރީގެ ބެލެނިވެރިކަމުގައެވެ.
ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވެސް ވަނީ ދާދި ފަހުންވެސް އަދީބަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަ ޖައްސައިދޭން ޖެހޭކަން ހާމަކުރައްވައިފައެވެ. އަދި އަދީބަކީ މިވަގުތު ޖަލުގައި އެންމެ ބޮޑު އަނިޔާ ލިބެމުންދާ ޤައިދީގެ ގޮތުގައިވެސް ޝައިޚް އިމްރާން ވަނީ ސިފަ ކުރައްވައިފައެވެ. އެހެންކަމުން އަދީބުގެ ބޭސްފަރުވާގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން މިހާރު ވަނީ ލިބިފައެވެ.