ރައީޞް ޞާލިޙްގެ ވިސްނުންފުޅަކީ ސިފައިންގެ ވެލްފެއަރ ޚިދުމަތްތައްވެސް ހަމަ އާ އިންޞާފުގެ ތެރެއިން ލިބެމުންދިއުން: ޑިފެންސް މިނިސްޓަރ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރައީޞް ޞާލިޙްގެ ވިސްނުންފުޅަކީ ސިފައިންގެ ވެލްފެއަރ ޚިދުމަތްތައްވެސް ހަމަ އާ އިންޞާފުގެ ތެރެއިން ލިބެމުންދިއުން: ޑިފެންސް މިނިސްޓަރ

ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ސިފައިންގެ ވެލްފެއަރ ޚިދުމަތްތައްވެސް ހަމަ އާ އިންޞާފުގެ ތެރެއިން ލިބެމުންދިއުން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސެނެހިޔާގައި އޮޕަރޭޝަން ތިއޭޓަރަކާއި ޖެނެރަލް ވޯޑެއްގެ ޚިދުމަތް ދޭން ފެށުން އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ޞާލިޙް ގެންދަވަނީ ސިފައިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ކަމަށާއި ހަމަތަކާއި އިންޞާފުގެ ތެރެއިން ހުރިހާ ކަމެއް ކުރުމަށް އިރްޝާދު ދެއްވަމުން ގެންދަވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ސެނެހިޔާ ހޮސްޕިޓަލް ހުޅުވުނީ 2012 ވަނަ އަހަރު ނަމަވެސް ހޮސްޕިޓަލުގެ ދަރަޖަ ލިބިގެންދާނީ މިއަންނަ މަހު ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިހައިތަނަށް ޚިދުމަތް ދެމުން އަންނަނީ ޔުނިފޯމް އެޅި މީހުންނަށާއި ޢާއިލާތަކަށް ނަމަވެސް ޚިތާނުކުރުމުގެ ޚިދުމަތް ޢާންމުކޮށް އެންމެންނަށް ދިނުމަށް ހަމަޖެއްސުމަކީ ސެނެހިޔާ ހިންގުމުގައި ހޯދި އިތުރު ކުރިއެރުމެއް ކަމަށްވާތީ އެކަމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ސިފައިންނަކީ އެއްވެސް ކަމެއްގައި އެހެން މީހުންގެ ގާތަށް ގޮސް އާދޭސްކުރަން ބޭނުންވާ ބައެއް ނޫން ކަމަށާއި މިފެށުނު ޚިދުމަތުގެ ސަބަބުން ވެސް ސިފައިންނަށް އިތުރު ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

ސެނެހިޔާ އަކީ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ވެރިކަމުގައި، ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ޑިފެންސް މިނިސްޓަރުކަމުގައި، ސިފައިންގެ ވެލްފެއާ ޚިދުމަތްތައް ފުރިހަމަކޮށް އަދި އިތުރު ޢާމްދަނީ ހޯދުމުގެ މަޤްޞަދުގައި ހިންގަންފެށި ހޮސްޕިޓަލެކެވެ.

މިއަދު އޮންލައިން