"އަޅުގަނޑުގެ ވަޢުދަކީ އަޅުގަނޑުގެ އަހްދު" ކަމަށާއި މި 5 އަހަރު ހުރިހާ މަސައްކަތްޕުޅެއް ކުރައްވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ދަމަހައްޓަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީ އާއި ދީނީ ބައެއް ޢިލްމުވެރިން ގުޅިވަޑައިގަތުމަށް ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް މިރޭ ވެސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކަށް ހައްދަވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ހިމާޔަތްކޮށް ދެމެހެއްޓެވުމަށް ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރެއްވުން ކަމަށެވެ. "އެކަމަށް އަޅުގަނޑު ވަޢުދުވެގެން މިހުރީ. އަޅުގަނޑުގެ ވަޢުދަކީ އަޅުގަނޑުގެ އަހުދު. ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އެކަމަށް ކުރުންމަތީ އަޅުގަނޑު ދެމިހުންނާނީ. އެހެން ގޮތަކަށް ފުރުޞަތެއް ލިބުނު ނަމަވެސް އެކަން އަޅުގަނޑު ބަލައިގަންނާނީ ދެވަނަ ނުވަތަ 3 ވަނަ އޮޕްޝަނެއްގެ ގޮތުގަ."
ޤާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ މި ނިންމެވުން އެމަނިކުފާނަށް ތާއީދުކުރާ ހުރިހާ އެންމެންވެސް ޤަބޫލުކޮށް އެ ވިސްނުމުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ރާއްޖޭގައި ކޮންމެ ރައީސަކަށްވެސް ވެރިކަމަށް އާދެވިފައިވަނީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާއިއެކުގައެވެ. ވެރިކަމަށް އާދެވުމަށްފަހު ޖުމްހޫރީ ޕާޓީއަށް "ލަގާ" ދީފައިވީނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ ވެރިކަމަށް އައުމަށް ޖުމްހޫރީ ޕާޓީ ޢާއިއެކު ވެފައި އޮންނަ އެއްބަސްވުމަށް ފުރިހަމައަށް އިޙްތިރާމްކޮށްފައެވެ.