ދީނީ ބައެއް ޢިލްމުވެރިން ޖުމްހޫރީ ޕާޓި އާއި ގުޅިވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި މަރުކަޒް މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައިވަނީ ޑރ. މުޙައްމަދު ޤްބާދު އަބޫބަކުރު އާއި އާއި އައްޝައިޚް ޢަބްދުއްލަޠިފް އަޙްމަދު އާއި އައްޝައިޚް ޢަލީ ނަޖީބް ޢާއި އިސްލާމިކް މިނިސްޓރީގެ ކޯޑިނޭޓަރެއްގެ ގޮތުން ކުރިން މަސައްކަތް ކުރެއްވި މުޙއްމަދު ނަޢީމް އެވެ.
ދީނީ ޢިލްމުވެރިން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށްފަހު ވިދާޅުވީ އެބޭފުޅުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތީ އެޕާޓީއަކީ ސިޔާސީ ޕާޓީއެއް ނަމަވެސް އިސްލާމް ދީނަށާއި ޤައުމަށް އިސްކަންދީގެން މަސައްކަތް ކުރަމުން އަންނަ ޕާޓީއަކަށްވާތީ އެ ރޫޙްގައި ޤައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އަކީ ސިޔާސީ ބޭފުޅެއް ނަމަވެސް ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ނަމޫނާ ޚިދުމަތްތެރިއަކަށް ވާތީ ކަމަށެވެ.
މަރްޙަބާ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ޢިލްމީ ބޭފުޅުން، ޚާއްޞަކޮށް ދީނީ ޢިލްމްވެރިން ޖޭޕީ އާއި ގުޅިވަޑައިގަތުމުން އުފާފުޅު ކުރައްވާ ކަމަށެވެ. "މިފަދަ ބޭފުޅުން މިޕާޓީ އާއި ގުޅިވަޑައިގަންނަވަނީ ޕާޓީ ކުރިއަރަމުން އަންނާތީ. ރަނގަޅު ކަންތައްތަކެއް ޕާޓީގަ މިހާރުވެސް ހުރުމުން. މިހެން ދެންނެވި ނަމަވެސް އަބަދުވެސް އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކެއް ހުންނާނެ. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވައިގެން ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކޮށްދެއްވުން." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.