ހަމައެކަނި ހަވީރު ހަޑީގައި ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަކަމުގެ ޝަކުވާ، ޓްވީޓެއް މެދުވެރިކޮށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ ސަމާލުކަމަށް ގެނައުމުން، އެކަން ބައްލަވާލައްވާ ކުޑަކުދިންގެ ބަގީޗާ ހުޅުވާފައި ހުންނަ ވަގުތު އިތުރު ކޮށްދެއްވައިފިއެވެ.
މިނިސްޓަރ މާރިޔާއަށް މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްއެންޑީއެފް ގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންގެ ބަގީޗާ ހަމައެކަނި ހުޅުވާފައި ހުންނަނީ ހަވީރު 16:00 އިން އިރުއޮއްސި 18:30 އަށް ކަމަށާއި އެތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުޑަކުދިންނަށް ހިފޭނެ ގޮތެއް ހެދިމަށް ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނަ ވަގުތުތައް އިތުރު ކޮށްދިނުމަށް އެދޭ ކަމަށެވެ.
މިއަދު މެންދުރު ކުރި އެޓްވީޓަށް މިރޭ ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނަ ވަގުތު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސްކޫލް ބަންދު ދުވަސް ތަކުގައި ހެނދުނު 7:00 އިން 10:00 އަށް އަދި އަސްރު ނަމާދަށްފަހު މަޤްރިބް ނަމާދު ވަގުތު ޖެހެން ދެން ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވެއެވެ.
ކުޑަކުދިންގެ ބަގީޗާ ހުޅުވިފައި ހުންނަ ވަގުތު މިފަދައިން އިތުރު ކުރުމުން ގިނަ ބަޔަކު ހިތްހަމަ ޖެހިފައިތިބި ނަމަވެސް، މިއަށްވުރެ ވެސް ވަގުތު އިތުރު ކޮށްދިނުމަށް ބައެއް ފަރާތްތަކުން އެދިފައިވެއެވެ.