ސައިހޮޓާ، ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަނާއި އިމްޕޯޓް މުދާ ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމާމެދު އާންމުންގެ ޚިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނެއް ކޮށްފިއެވެ.
އެމިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ، ފިހާރަތަކާއި ރެސްޓޯރެންޓާއި ސައިހޮޓާ އަދި ކެންޓީނުފަދަ ތަންތަނުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އެކުލަވައިލާފައިވާ އުސޫލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
ވިޔަފާރިކުރާ ފިހާރަތަކާއި ސައި ހޮޓާތައް، 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭ އުސޫލެއް ކަނޑައެޅުން ވަނީ ހިމަނާފައެވެ.