ދިވެހި ޤައުމުގެ ކަންކަން އިޞްލާޙްކޮށް ރައްޔިތުންގެ މަންފާއަށް ޚިދުމަތް ކުރެއްވުމުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވީ ހުރިހާ ދޮރުތަކެއް "ތަންމިނަށް ހުޅުއްވައިލައްވައިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހީމް މިރޭ ވިދާޅުވީ އިޞްލާޙަށް ކުރެވެމުންދާ މަސައްކަތްތަކުގައި ހުޅުވިފައިވަނީ ކުޑަ ދޮރެއް ނޫން ކަމަށާއި ވަރަށް ބޮޑު ދޮރެއް ކަމަށެވެ. "އިރާދަކުރެއްވިއްޔާ އެ ދޮރުގެ ފޮތިގަނޑު އަޅުގަނޑުމެން ކަހައެއް ނުލާނަން. އަދި ދޮރުފަތް ލައްޕައެއްވެސް ނުލާނަން."
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޞާލިޙް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަރަށް އިޚްލާޞްތެރިކަމާއިއެކުގައި ކަމަށެވެ. ކޯލިޝަނުގެ މެދުގައި އެއްބަސްވެވިފައިވާ އެއްވެސް ކަމަކަށް އަދި މިހައިތަނަށް ޚިލާފްވެވަޑައިގެންފައި ނުވާ ކަމަށެވެ. "އަޅުގަނޑުމެންނަށް އެއްބާރު ލެއްވުން ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ސާބިތުވަމުން އެބަދޭ."
ޤާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާ އެއްވެސް ބޭފުޅަކަށް "ޕަރފޯމޭންސް" ނުދެއްކެވިއްޖެނަމަ މަޤާމުން ދުރުކުރައްވަން އެމަނިކުފާނު ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ޚަރަދުތައް ކޮށްގެން ކަންކަން ކުރާއިރު އެއީ ޢަމަލުކުރަންޖެހޭނެ ގޮތް ވެސް ކަމަށެވެ.
"ބަލަދު އަރައިގެން އެއްވެސް މީހަކަށް ކަމެއް ކޮށްދެއްވަން ޖެހިވަޑައިގެންފިނަމަ ޤާނޫނުގައި އޮންނަ ގޮތަކަށް އެކަން ކުރައްވަވާނެ ނަމަވެސް ވަޒިފާއެއް ޙަވާލުކުރައްވާފައިވާ ބޭފުޅަކަށް ޙަވާލުކުރެއްވިފައިވާ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ނަމަ ވަޒީފާގައި އެމީހަކު ބަހައްޓަވައިގެން ކުރިއަށް ވަޑައި ނުގަންނަވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހީމްގެ ވާހަކަފުޅު (އޯޑިއޯ):