ރާއްޖެއަކީ އިޤްޠިޞާދީ ގޮތުން ކުރިއަރައިދާން މަސައްކަތް ކުރާ ޤައުލެއް ކަމަށާއި އިޤްތިޞާދީ ގޮތުން ކުރިއަށް ދިއުމަށް ސަރަހައްދުގެ ކަނޑުތަކުގެ އަމާންކަން ކަށަވަރުކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ ގުޅިގެން ރާއްޖޭގައި މާދަމާ ފަށަން ހަމަޖެހިފައިވާ "އެކްސަރސައިޒް ދޯސްތީ 14" އިފްތިތާޙް ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ ސަރަހައްދުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށާއި ރާއްޖޭގެ ކޯސްޓް ގާޑުގެ ޚިދުމަތްތައް އިތުރަށް ފުޅައުކޮށް ވަރުގަދަކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އަދި މުޅި ސަރަހައްދުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރުމާއި އެނޫންވެސް އެފަދަ މުޞީބާތްތަކުން ސަލާމަތް ކުރެވިފައިވާ ސަރަހައްދެއްކަން ކަށަވަރުކުރެވެން ޖެހޭ ކަމަށެވެ. މާރިޔާ ވިދާޅުވީ މިފަދަ ސަބަބުތައް ހުރުމުން އިންޑިއާ، ސްރީ ލަންކާ އަދި ރާއްޖެ ގުޅިގެން 2011 ވަނަ އަހަރު އެއްބަސވުމެއް އެކުލަވާލައި ސަރަހައްދު ހިމާޔަތްކުރަން މަސައްކަތްތަކެއް ކުރަން ފެށުނުކަން ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފާހަގަކުރައްވާ ކަމަށެވެ. އަދި މިހާރު ފަރިތަކުރުންތައް ބާއްވަމުން މިގެންދެވެނީ 3 ޤައުމުން ކުރިއާލައި މަޝްވަރާކޮށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

މާރިޔާ ވިދާޅުވީ މީގެ ކުރިން ބޭއްވުނު މިބާވަތުގެ ފަރިތަކުރުންތަކުގެ ފައިދާ ރާއްޖެއަށް ކޮށްފައިވާކަން ސަރުކާރުން ފާހަގަކުރާ ކަމަށެވެ. އަދި ފަރިތަކުރުން ފަށައިގަތް ދުވަސްވަރު ވަރަށް އާދައިގެ ގޮތަކަށް ފަށައިގަނެވުނު ނަމަވެސް ކުރިމަތިވަމުން އަި ނުރައްކާތަކަށް ބަލައި ފަރިތަކުރުންތައް އިތުރަށް ވަރުގަދަކުރެވިފައިވާކަންވެސް ފާހަގަކުރައްވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ ޜާއްޖެއިންވެސް ވަނީ ކޯސްޓްގާޑުގެ ޚިދުމަތް އިތުރަށް ވަރުގަދަކުރަން މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވުމުން ކޯސްޓްގާޑުގެ ޚިދުމަތް އިތުރަށް ވަރުގަދަކުރަން ކުރަންޖެހޭ ކަންކަން އަދިވެސް ވަރަށް ގިން ކަމަށެވެ. މާރިޔާ ވަނީ ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާ އާއި ސްރީލަންކާގެ ކޯސްޓްގާޑުން ކުރާ މަސައްކަތްތައް ފާހަގަކުރައްވައި ދެ ޤައުމަށް ޝުކުރު އަދާކުރައްވައިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި 3 ޤައުމުގެ ކޯސްޓްގާޑުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

1992 ވަނަ އަހަރުން ފެށިގެން ރާއްޖެއާއި އިންޑިއާ ގުޅިގެން ހިންގަމުން އަންނަ "އެކްސަރސައިޒް ދޯސްތީ" ތަމްރީނު ބުރުގެ 14 ވަނަ ބުރު މާދަމާ ރާއްޖޭގައި ފެށުން މާރިޔާ މިއަދު ވަނީ އިފްތިތާޙްކޮށްދެއްވައިފައެވ މިފަހަރުގެ ތަމްރީނު ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ ކަނޑުފޭރުމާއި ކަނޑުތައް ތަޣައްޔަރުވުމާއި އަދި ސަލާމަތާއި ރައްކާތެރިކަން ބެލެޖެއްޓުމުގެ އިތުރު ތަމްރީނު ހޯދުމަށެވެ. އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާނީ 27 އަދި 28 ވަނަ ދުވަހު އެވެ.