އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިަޓަލް (އައިޖީއެމްއެޗް) ގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ ވިހި ރެޖިސްޓާޑް ނަރުހުން ހޯދުމަށް އެ ހޮސްޕިޓަލުން އިއުލާނުކޮށްފި އެވެ.
އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ ހަފްތާއަކު ފަސް ދުވަހު، ދުވަހަކު އަށް ގަޑިއިރު ކަމަށެވެ. އެފަރާތްތަކަށް މުސާރަ ދެވޭނީ، މަސައްކަތްކުރާ ގަޑިއަށް ބެލުމަށްފަހު ކަމަށް އެ އެއިއުލާންގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އަޖީއެމްގެ އިއުލާނުގައި ވަނީ ވަޒީފާއަދާ ކުރުމަށް ހުންނަންޖެހޭ ޝަރުތުތައް ވެސް ބަޔާންކޮށްފައެވެ. އެގޮތުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ ނާސިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއް ގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭ ކަމަށް ބުނެފައި ވެއެވެ.
އެމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ހުރިހާ ލިޔެ ކިޔުމެއް އަންނަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުގެ 13:00 ގެ ކުރިން އައިޖީއެމްއެޗުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.