ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ކާށިދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ހިފައިގެން ދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި އަދު ހެނދުނު 09:20 ހާއިރު ކާށިދޫ މަގުމަތިންނެވެ.
އޭނާ ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑު ބަލައިފާސްކުރަމުންދަނިކޮށް އޭނާގެ ޖީބުން އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމުން އެސަރަޙައްދު ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޓޭޕް އޮޅާފައިވާ ތިން ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤް ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙްޤީޤް ކުރަމުންއެވެ.