ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އާއި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގަތުމަށްފަހު ޕީޕީއެމްށް ކުރިން ބަދަލުވި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމްދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.
2 މެންބަރުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް މިރޭ ޖޭޕީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ އަމިތަކީ ރައީސް ޔާމީނުގެ ސަރުކާރުން ކުރަމުން ގެނދިއަ ޤާނޫނާއި ޚިލާފް ކަންތައްތަކަށް ކެތް ނުކުރެވިގެން ޕީޕީއެމް ދޫކުރައްވައި ނުކުމެވަޑައިގެން ރައްޔިތުންގެ ޙައްޤުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި މެންބަރެއް ކަމަށެވެ. އަދި 23 ސެޕްޓެމްބަރުގައި ލީ ވޯޓުގައި ފެނިގެން އެދިއައީ އަމިތު އާއި އެހެންވެސް ގިނަ ބައަކު ވީ މަތިވެރި ޤްރްބާނީގެ ނަތީޖާ ކަމަށެވެ. "އެކަމުގެ ސަބަބުން އަމިތަށް ވަނީ ވަރަށް ގިނަ ފަހަރު ޖަލަސް ވަޑައިގަންނަވަން ވެސް ޖެހިފަ."

ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީގެ ޓިކެޓެއްގައި އިންތިޚާބުވުމަށްފަހު މެންބަރު ޢަބްދުﷲ ޕީޕީއެމަށް ބަދަލުވީ ތިނަދޫގައި ރައީސް ޔާމީނުގެ ސަރުކާރުން ހިންގަން ފެށި މަޝްރޫޢުތައް ކުރިއަށް ނުގެންގޮސް މަސައްކަތަ ހުއްޓައިލުން ފަދަ ކަންކަން ކުރުމުން ރައްޔިތުންނަށްޓަކައި އެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ އިތުރު އެއްވެސް ގޮތެއް ނުފެނުމުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ އެހާލަތު ކުރިމަތިވުމުން 10 ވަރަކަށް މެންބަރުން ޖޭޕީ އިން ޕީޕީއެމަށް ބަދަލުވި ކަމަށާއި އެ މެންބަރުން އެއިރު ޕާޓީ ބަދަލުކުރީ ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދެވޭނެ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށެވެ. އެހެންކަމުން އެ މެންބަރުންނަކީ ޕާޓީ ބަދަލުކުރަމުން ދުވާ މެންބަރުންގެ ގޮތުގައި ޤަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ކުރިމަތިކުރުވި ބޮޑެތި ފިއްތުންތަކާއިއެކުވެސް 7 މެންބަރަކު ޖޭޕީ ދޫނުކުރައްވައި ޖޭޕީގައި ތިއްބެވި ކަމަށާއި އެ 7 މެންބަރުންގެ ދާއިރާތަކަށް ރައީސް ޔާމީނުގެ ސަރުކާރުން ކަންކަން ކުރި ގޮތް އެހެރީ ރައްޔިތުންނަށް ފެންނަން ކަމަށެވެ.