ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް "ޓެކް ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ ގައި މިކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަލީހް ޖަމާލް ވިދާޅުވީ، ފާއިތުވީ އަހަރުތަކުގައި ޓެކްނޮލޮޖީގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށާއި އެހެންކަމުން އާ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ޓެކްނޮލޮޖީގެ ދާއިރާއިން މީހުން ތަމްރީނުކޮށް އެދާއިރާ މުޅިން އައު ހަރުފަތަކަށް ގެންދިޔުމަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކައުންސިލުގައި ހިމެނޭނީ 10 މެމްބަރުންނެވެ. އޭގެ ތެރޭގައި ސަރުކާރާއި ޓެކްނޮލޮޖީ ދާާއިރާގައި މަސައްކަތް ކުރާ މީހުންނާއި އާންމުން އަދި ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނެއެވެ.
މިނިސްޓަރ މަލީހު ވިދާޅުވީ ލަފާ ދިނުމަށާއި މަޝްވަރާ ކުރަން ޓެކް ކައުންސިލުން އެންމެ ފުރަތަމަ އުފައްދަނީ ގަވާއިދެއްގެ ދަށުން ކަމަށާއި ނަމަވެސް ފަހުން ގާނޫނަކުން ބާރުދޭނެ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދު ތަކެއްގައި ޓެކް އިންސްޓިޓިއުޓް ތަކެއް ގާއިމް ކުރުމަކީ ވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވައުދެއް ކަމަށާއި އެވައުދު ދުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.