ގދ ވާދޫގައި މީހަކު އަމިއްލަަޔަށް ފާހާނާގައި ވިހެއުމަށް ފަހު ބާލިދީއެއް ތެރެއަށް ލާފައި އޮއްވައި ފެނުނު ކުއްޖާ އާއި ވިހެއި މައިމީހާގެ ހާލު ރަނގަޅު ކަމަށް، އެކުއްޖާ މިހާރު އޮތް ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލް ހިންގުމަށް މިވަގުތު ހަވާލުވެ ހުންެނެވި، އައިމިނަތު އަބްދުލް ހަކީމް މިއަދުނޫހަށް ވިދާޅުވީ، ރޭ ފަތިހު 4:00 ކަންހާއިރު އެ ކުއްޖާ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ގްންދާ ކަމަށެވެ.
އަދި ކުއްޖާގެ މާ ބޮޑު ސީރިއަސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށާއި ހާލު ވަރަށް ރަނގަޅު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުއްޖާ ގެނެސްފައި ވަނީ ޖެންޑާ މިނިސްޓްރީގެ އެދުމުގެ މަތިން ފުލުހުން ކަމަށެވެ. އަދި އެ ކުއްޖާގެ ހުރިހާ ކަމެއް މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުގައި ކަމަށެވެ.
އައިމިނަތު ވިދާޅުވި ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެނައުމުގައި އަދި އޭގެ ފަހުން ވެސް އާއިލާގެ އެއްވެސް މެމްބަރަކު ހަރަކާތްެރިވެފައި ނުވާ ކަމަށެވެ. އަދި ކުއްޖާގެ ޒިންމާ ފުރިހަމައަށް ނަގަމުން ދަނީ ސީދާ ޖެންޑާ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ. މައުލޫމާތު ލިބުނު ގޮތުން، މި ކުއްޖާ ބާލީދީއެއް ތެރޭ އޮއްވައި ފެނިފައި ވަނީ ރޭ 7:10 އެހާ ކަންހާއިރު ވާދޫ މީހަކަށެވެ. މުޅި ރާއްޖެ ސަމާލުކަމަށް ގެނުވި މި ހާދިސާ، ތަހުގީގު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.