އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ކުރީގެ ހުކުމަށް އަސަރު ކުރާނެ- ދައުލަތް

ކިޔުމަށް ހޭދަވާނީ 1މ 17ސ
އަދީބުގެ ޑީއެންއޭ ފެނުމުން ނާޒިމްގެ ކުރީގެ ހުކުމަށް އަސަރު ކުރާނެ- ދައުލަތް

ކުރީގެ ޑިފެންސް މިނިސްޓަރު ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ، ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް އަސަރު ކުރާނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

 

ޖެނުއަރީ 2015 ގައި ގ. އެނިފްގޭގައި ހުންނަ ނާޒިމްގެ ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ މައްޗަށް އައިސްފައިވާ ޖަލު ހުކުމް ރިވިއު ކޮށްދިނުމަށް އެދިވަޑައިގެން ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން، އެޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ ބުނީ ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ހިނގަމުން ދިޔައިރު، ޑީއެންއޭ ރިޕޯޓް ހުށަނޭޅީ އޭރު އެ ރިޕޯޓް ލިބިފައި ނުވާތީ ކަމަށާއި ފުލުހުންގެ ފަރާތުން ޑީއެންއޭ ރިޕޯޓް ލިބުނީ ނާޒިމްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިން ހިނގަމުން ދަނިކޮށް ކަމަށެވެ.

 

ނަމަވެސް ރިޕޯޓު ހުށަހަޅަން ބެލިއިރު، އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންކަމުން ޑީއެންއޭގެ ތަހުލީލީ ރިޕޯޓް ސުޕްރީމް ކޯޓަށް އެދުވަސްވަރު ހުށަނޭޅުނީ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

 

އެހެންކަމުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ ނާޒިމްގެ ޖަލު ހުކުމުގެ މައްސަލައިގައި އިންސާފުވެރި، އަދުލުވެރި ހުކުމެއް އިއްވައި ދިނުމަށެވެ. އަދި ނާޒިމްގެ ވަކީލުން އެދުނީ މައްސަލަ ބާތިލްކޮށް ދިނުމަށެވެ.

މިއަދު އޮންލައިން