މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މާފުށީ ޖަލުގައި އަނިޔާކުރި އައްޑޫ ސިޓީ ހިތަދޫ ފިނިއުނިމާގެ، އަލީ އިމްރާން ދެ ފަހަރު މަތިން ހޭ ނެތުނު ކަމަށް އޭނާގެ އާއިލާއިން ބުނާ ކަމަށް އައްޑޫގެ އޮންލައިން ނޫހެއް ކަމަށްވާ "އައްޑޫ ލައިވް" އިން ރިޕޯޓުކޮށްފިއެވެ.
އައްޑޫލައިވުން ބުނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އަލީ އިމްރާންއަށް އަނިޔާކޮށްފައިވަނީ ޖަލު ބަލަހައްޓާ އޮފިސަރުންކަމަށް އޭނާގެ އާއިލާއިން ބުނާ ކަމަށެވެ. އަދި އިމްރާންއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭނާއަށް ބޮޑެތި އަނިޔާކޮށްފައިވާ ކަމުގެ ނިޝާން ފެންނަން ހުރިކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ވެސް އެ ނޫހުގެ ރިޕޯޓުގައި ވެއެވެ.
އިމްރާންގެ އާއިލާގެ މެމްބަރަކާ ހަވާލާދީ އައްޑޫލައިވްގެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ޖަލުގައި އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ދެ ފަހަރު ހޭނެތުނު ކަމަށާއި، ހޮސްޕިޓަލަށް ގެނައިއިރުވެސް ހާލު ދެރަކަމަށެވެ. އައިޖީއެމްއެޗްގައި އިމްރާންއަށް ފަރުވާދެމުންދާ އިރު އޭނާ ބެލުމަށް އާއިލާ މީހުން ވަންނަ އިރު ފޯނު ނުވެއްދޭނެކަމަށް ކަރެކްޝަނުގެ މުވައްޒަފުން އަންގާކަމަށާއި އެގޮތަށް އަންގަނީ ފޮޓޯ ނެގިޔަ ނުދޭންކަމަށް އިމްރާންގެ އާއިލާއިން ތުހުމަތު ކުރާ ކަން އެ ރިޕޯޓުގައިވާ މައުލޫމާތުން އެނގެއެވެ.
މި މައްސަލާގައި މިހާތަނަށް ކަރެކްޝަނުން އެއްވެސް ވާހަކައެއް ދައްކަވާފައި ވާކަމަށް އެނގިފައި ނުވެއެވެ.