މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް ކުރީގެ ސްޓޭޓް މިނިސްޓަރ ތައްޔިބު މުޙައްމަދު އައްޔަނު ކޮށްފިއެވެ.
އެމްއެމްޕީއާރްސީ ގެ އެމްޑީކަމަށް މިއަދު އައްޔަނު ކުރެވުނު ތައްޔިބަކީ ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ.
މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ކޮރަޕްޝަން ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި، އެމްއެމްޕީއާރްސީގެ ތެރެއިން ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވެއެވެ. އެގޮތުން ބިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުލަތަށް ގެއްލިގެން ދިޔަ ކޮރަޕްޝަންގެ މައްސަލައިގައި، ރައީސް ޔާމީން ސަރުކާރުގެ ދެވަނަ ނައިބު ރައީސް އަޙުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރްސީ ގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
އެފަދަ ބޮޑު ކޮރަޕްޝަނެއްގެ މައްސަލައަށްފަހު، އެމްއެމްޕީއާރްސީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި އޮތީ ހާރިސް މުޙައްމަދާއިއެވެ. ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވިއިރު ވެސް އެކުންފުންޏަށް ދާއިމީ އެމްޑީ އެއް އައްޔަނު ކޮށްފައެއް ނުވެއެވެ.