ޤިޞާޞް ހިފުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ދެކޮޅު ނުހަދާ ކަމަށް ސަރުކާރުގެ އިސް ވެރިއަކު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ޤިޞާޞް ހިފުން ފަދަ ވަރަށް އިންޞާފުވެރިކަމާއި އަދުލުވެރިކަމާއިއެކު ކުރަންޖެހޭ ކަމަކަށްވެފައި ޖޫޑިޝަރީގެ ހާލަތު މިވަގުތު އޮތްގޮތުން އަދި މިވަގުތަކީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ސަރުކާރަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ކުރި ޓްވީޓްވެސް މިހާރު ވަނީ ޑިލީޓްކޮށްފައެވެ.
ރައީސް އިބްރަހީމް މުޙައްމަދު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ޤައުމާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޖޫޑިޝަރީ އިޞްލާޙް ކުރުމުގެ މަސައްކަތަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތް ކަމުގައި ވަނީ ބަޔާން ކުރައްވައިފައެވެ. އަދި އެކަމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދެއްވައިފައެވެ.
މީގެ އިތުރުން ޖޫޑިޝަރީ އިސްލާޙް ކުރުމުގެ މަސައްކަތަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންފުޅުވާކަންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފާހަގަކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓާއި ގުޅިގެން ރާއްޖޭގައި އެންމެ އިސްކޮށް ތިއްބެވި ބައެއް ދީނީ ޢިލްމުވެރިން މިހާރުވެސް ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.