ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ގޭބަންދަށް ބަދަލު ކޮށްފިއެވެ.
މިކަން ހާމަ ކުރައްވާ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް އަދީބު ގޭބަންދަށް ބަދަލު ކުރުމަށް ކަރެކްޝަންސް އިން ހުއްދަ ދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އަދީބު ހުންނެވީ ގޭބަންދަށް ބަދަލު ކޮށްފައެވެ. މިއީ 2015 ވަނަ އަހަރު އޭނާގެ މައްޗަށް ކުރި ޖަލު ހުކުމަށްފަހު ގެއަށް ވަޑައިގަނެވުނު ފުރަތަމަ ފަހަރެވެ.
މީގެ ދެ ހަފްތާވަރު ކުރިން އައިޖީއެމްއެޗް ގައި އަދީބު އެޑްމިޓު ކުރީ އޭނާގެ ކިޑްނީގައި ހިލަ އުފެދުމުގެ ސަބަބުންނެވެ. ހިލަތައް ނައްތާލުމަށް ކުރި އޮޕަރޭޝަނަށްފަހު އޭނާ ގެއަށް ބަދަލު ކުރުމަށް ޑޮކްޓަރުންނާއި އެޗްއާރްސީއެމް އިން ވެސް ކަރެކްޝަންސް އަށް ލަފާ ދެއްވާފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
ނަޝްވާ އެއިރު ވިދާޅުވި ގޮތުގައި ކިޑްނީގެ އެއޮޕަރޭޝަނަށްފަހު އަދީބުގެ އެތެރެހަށީގެ ޔޫރެޓްރާއަށް ސްޓެންޓެއް ލައްވާފައިވެއެވެ. އަދި އެއޮޕަރޭޝަނަށްފަހު އިންފެކްޓްވެ ހުން އައުމާއި ގުޅިގެން އެންޓިބަޔޮޓިކްސް ވެސް ދެމުން އަންނަ ކަމަށް ވެސް އަދީބުގެ އަނބިކަނބަލުން ވިދާޅުވިއެވެ.