މެންބަރު ޢަލީ ޝާހް އާއި ޙުސައިން މަނިކު ދޮން މަނިކު ޖުމްހޫރީ ޕާޓީ އާ ގުޅިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
މެންބަރު ޢަލީ ޝާހް އާއި ޙުސައިން މަނިކު ދޮން މަނިކު ޖުމްހޫރީ ޕާޓީ އާ ގުޅިއްޖެ

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް އާއި ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިން މަނިކު ދޮން މަނިކު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.

މިކަމަށްޓަކައި މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުނު ނަމަވެސް ކޮންމެ މެންބަރަކަށްވެސް އެމެންބަރަކު ޙާޞިލް ކުރަން ބޭނުންވާ މަޤާމެއް ޙާޞިލުކުރަން މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ހުރިހާ މެންބަރުންނަށްވެސް ހުޅުވައިލެވިފައި ކަމަށެވެ. އަދި އެއްވެސް މެންބަރަކަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް އެމަނިކުފާނުވެސް އެމަނިކުފާނުގެ ޢާއިލީ ބޭފުޅަކުވެސް ނުކުރައްވާނެ ކަމަށެވެ. ހަމައެއާއިއެކު އެމަނިކުފާނު ފަށްޓަވާފައިވާ އިޞްލާޙީ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނާއި ޖޭޕީގެ މަޖިލިސް މެންބަރުންނާއި އަދި ޖޭޕީއަށް ނިޞްބަތްވާ ވަޒީރުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވަން ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ ހައިޞިއްޔަތުން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައީސް ޞާލިޙްގެ މަޝްވަރާ އާއި އެއްގޮތަށް ކަމަށެވެ. "އަޅުގަނޑު އެދެން މިޕާޓީގެ ހުރިހާ މެންބަރުން ވެސް ހަމަ މިރޫޙުގައި މި ޢަޒުމުގައި މަސައްކަތް ކުރުމަށް."

ޤާސިމް އިބްރާހީމް ވިދާޅުވީ މިވަގުތު ޖެޕީން އެންމެ މުހިންމުކަމެއް ދޭން ޖެހިފައިވާ އެއްކަމަކީ ޕާޓީއަށް މެންބަރުން އިތުރުކުރަން މަސައްކަތް ކުރުން ކަމަށެވެ. "އަޅުގަނޑުމެންނަކީ 19000 އަށްވުރެ ގިނަ މެންބަރުން ތިބި ޕާޓީއެއް ނަމަވެސް މިހާރު ރަސްމީ އަދަދު މިވަނީ 10،300 އަށް މަދުވެފަ. މަދުވެގެން 30،000 މެންބަރުން ހަމަކުރަން މަސައްކަތް ކުރަން އެބަޖެހޭ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕާޓީގެ ގޮތްޕެއް ހުޅުވަން އެބަޖެހޭ."

ޤާސިމް އިބްރާހީމް ވިދާޅުވީ ޕާޓީގެ ކަންކަން ވީހައި ޑިމޮކްރެޓިކް އުޞޫލުން ކުރިއަށް ގެންދިއުމަށާއި މެންބަރުންނަށް ފުރުޞަތުތައް އިތުރުކޮށްދިނުމަށްޓަކައި ޕާޓީގެ ހިންގާ ޤަވާއިދަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން ކުރައްވަންވެސް ހުންނެވީ ތައްޔާރަށް ކަމަށެވެ.

ޤާސިމް އިބްރާހީމް ވަނީ ޖޭޕީ އާއި މިރޭ ގުޅިވަޑައިގެންނެވި ދެބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ޤާސިމް އިބްރާހީމް ވަނީ އިޞްލާހީ މަސައްކަތްތަކުގައި ޝާހް އަދާކުރެއްވި ދައުރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. ހަމަ އެއާއިއެކު ޙުސައިން މަނިކު ދޮންމަނިކަކީ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވައި ޤައުމަށް ޚިދުމަތް ކުރެއްވުމުގެ އިތުރަށް މަޖިލީހުގައި 33 އަހަރު މެދު ނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާ މެންބަރެއްކަން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޙުސައިން މަނިކު ދޮންމަނިކަކީ އަބަދުވެސް އަމިއްލަފުޅު މަސައްކަތުން ދިރިއުޅުއްވުމުގެ ކަންކަން ކުރިއަށް ގެންދަވަން މަސައްކަތްޕުޅު ކުރައްވާ ހީވާގި މަސައްކަތްތެރިއެއް ކަމަށާއި ދިވެހި ޤައުމަށް ބޭނުންވަނީ އެފަދަ މަސައްކަތްތެރިން ކަމަށެވެ.

މިއަދު އޮންލައިން