އެސްއެމްއީ ޑިޖިޓަލްއިން މަސްވެރިކަމުގެ ސިނާޢަތަށް ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރުއެސްޑަބްލިއު) ފައިނޭންސިންގ ފެސިލިޓީގެ ލިމިޓު، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ގޮތަށް ބޮޑުކޮށް، މަސްވެރި އުޅަނދުތަކުގައި އިންޖީނު އެޅުމަށްވެސް ލޯނު ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 6 ޕަސެންޓުގެ ފައިދާގެ ރޭޓެއްގައެވެ. މި ލޯނު އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އައިސް ލިބުމުގެ ދަތިކަމާއި، ތެލުގެ އަގު ބޮޑުވުން ހިމެނެއެވެ. މި ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ، މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދިނުމާއި، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފަހިކޮށްދިނުމެވެ. އަދި އަލަށް ގެނައި ބަދަލާއެކު، އުޅަނދުތަކަށް އިންޖީނު ހޯދުމަށްވެސް މި ފެސިލިޓީގެ ދަށުން ފަސޭހަކަމާއެކު މާލީ އެހީތެރިކަން ލިބިގެންދާނެއެވެ.
ލޮނުފެނުން މަސް ފިނިކުރާ ނިޒާމްތަކުގެ ސަބަބުން، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، ތާޒާކަންމަތީ މަސް ފޯރުކޮށްދިނުމުގައި ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. މިކަމުގެ ފައިދާ ގިނަ ޢަދަދެއްގެ މަސްވެރިންނަށް ލިބެމުންދާއިރު، ސަރުކާރަށް 3 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މި ކާމިޔާބީ ފާހަގަކުރައްވާފައެވެ.