ވަގު ޓިކެޓާއިހެދި އުމްރާއަށް ނުފުރުނު މީހުން މިއަދު ފުރައިފި

ކިޔުމަށް ހޭދަވާނީ 1މ
ވަގު ޓިކެޓާއިހެދި އުމްރާއަށް ނުފުރުނު މީހުން މިއަދު ފުރައިފި

އަސްކޮއެ އުމްރާއި ގްރޫޕްގެ ހަވާލުގައި އުމްރާއަށް ފުރަން އުޅެނިކޮށް ޓިކެޓުތަކުގައި މައްސަލަ ޖެހިގެން އެދުވަހު ނުފުރުނު 50 ދިވެހީން މިއަދު އުމްރާއަށް ފުރައިފިއެވެ.

އެގްރޫޕްގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި މިދިޔަ އާދީއްތަ ދުވަހު އުމްރާއަށް ފުރަން އުޅުނު އެ 50 މީހުންނަށް އަލުން ޓިކެޓު ނަގައި މިއަދު ހެނދުނު ޝްރީލަންކަން އެއާލައިނުން ފުރުވާލާފައިވެއެވެ. ނަމަވެސް އެމީހުންނަށް ޓިކެޓު ގަނެދީފައިވަނީ ކޮން ފައިސާއަކުން ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އަސްކޮއެ ގްރޫޕްގެ ފަރާތުން އުމްރާއަށްދާ މީހުންގެ ތެރެއިން ޑިސެމްބަރ މަހު ފުރަން އޮތް 120 މީހުން ވެސް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފުރަން ހަމަޖެހިފައިވެއެވެ.

އެގްރޫޕުން އުމްރާއަށްދާ މީހުންގެ ތެރެއިން 168 މީހަކަށް ލިބިފައިވަނީ ވަގު ޓިކެޓު ތަކެކެވެ. އެއީ ވަގު ޓިކެޓުތަކެއްކަން އެނގުނީ އާދީއްތަ ދުވަހު އުމްރާއަށް ފުރަން އޮތް 50 މީހަކު އެއާޕޯޓަށް ދާން އުޅެނިކޮށެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ވަގު ޓިކެޓު ހަދާފައިވަނީ ޑީބީ ޓްރެވެލްސް ގެ މުވައްޒިފެކެވެ. އޭނާ އައްޑޫ މަގުން ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް މިދިޔަ ހޯމަ ދުވަހު ވަނީ ހައްޔަރު ކޮށްފައެވެ.

މިއަދު އޮންލައިން