ރަސްމާލެ ތަރައްޤީކުރަނީ ވަޒީފާ އާއި އާމްދަނީ ލިބޭނެ ފުރުޞަތުތަކާއެކު: ވަޒީރު މުއްޠަލިބް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ރަސްމާލެ ތަރައްޤީކުރަނީ ވަޒީފާ އާއި އާމްދަނީ ލިބޭނެ ފުރުޞަތުތަކާއެކު: ވަޒީރު މުއްޠަލިބް

ރަސްމާލެ ތަރައްޤީކުރަނީ ހަމައެކަނި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައެއް ނޫން ކަމަށާއި، އެތަނުގެ ރަށްވެހިންނަށް ޚިދުމަތް ހޯދުމަށާއި ވަޒީފާއަށް މާލެއަށް އަންނަން ނުޖެހޭ މިންވަރަށް ވަޒީފާ އާއި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދީގެން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ، ރަސްމާލެއިން 4،000 އަށްވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، އެ ބިމުން ބައެއް އެހެން ފަރާތްތަކަށް ދޫކޮށްލުމުން ޢާއްމުންނަށް ގޯތި ދޫކުރުމަށް ފުރުޞަތު އޮންނާނެތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ވިޔަފާރި އާއި އާމްދަނީ ހޯދާނެ ގޮތެއް ނެތި ހަމައެކަނި ގޯތި ދިނުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ރަސްމާލޭގައި ޢާއްމުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ އިތުރުން، އިޤްތިޞާދީ ހަރަކާތްތައް ހިންގައި ވަޒީފާގެ ފުރުޞަތުތައް އުފެއްދުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ދިވެހިންނަށް ޙައްޤުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން. އެތަނަކުން ވަޒީފާ ލިބި އާމްދަނީ ލިބޭނެ ގޮތަށް އެތަން ތަރައްޤީކުރަން އަޅުގަނޑުމެން މިއުޅެނީ،" ވަޒީރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަޒީރު ވަނީ ހުޅުމާލޭގެ ތަރައްޤީއަށް އިޝާރާތްކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ހުޅުމާލެ ހިއްކައި ސިނަމާލެ ބްރިޖް އެޅުމާ ހަމައަށް އެތަން އޮތީ ހަމައެކަނި "ނިދަން އަރާ ހާއްޔެއްގެ" ގޮތުގައި ކަމަށާއި، މިހާރުވެސް ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ދުވާލަކު ގާތްގަނޑަކަށް 60،000 މީހުން ވަޒީފާ އަދާކުރުމަށް ބްރިޖް ހުރަސްކޮށް މާލެއަށް ދަތުރުކުރަން ޖެހޭ ކަމަށެވެ. އަދި ހުޅުމާލޭގައި އަދިވެސް އެކަށީގެންވާ މިންވަރަށް ވަޒީފާ އާއި އާމްދަނީ ހޯދޭނެ ވަސީލަތްތައް ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލެއިން ކުރެވުނު މިފަދަ ތަޖުރިބާތަކަށް ބަލައި، ރަސްމާލެއަކީ މާލެއަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފަދަ އިޤްތިޞާދީ ގޮތުން ފުރިހަމަ ސިޓީއެއްގެ ގޮތުގައި ބިނާކުރުން ކަމަށެވެ.

މިއަދު އޮންލައިން