އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބޭ ފައިސާ ދެގުނަ ކުރުމުގެ އިސްލާޙު ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލިބޭ ފައިސާ ދެގުނަ ކުރުމުގެ އިސްލާޙު ހުށަހަޅައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާޙުގެ ދަށުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ލިބޭ ފައިސާގެ މިންވަރު ދެގުނައަށް އިތުރުކުރަން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.

މި އިސްލާޙުގެ މައިގަނޑު މަޤްޞަދަކީ ލޯކަލް ކައުންސިލްތަކަށް ދައުލަތުން ދޭ ހިލޭ އެހީގެ ބަޖެޓުގެ ތެރެއިން ޑަބްލިއުޑީސީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަނޑައަޅާފައިވާ %5 ގެ ހިއްސާ %10 އަށް ބޮޑުކުރުމެވެ. މި ބަދަލާއެކު، އަންހެނުންގެ ކޮމިޓީތަކުގެ ހިންގުމަށާއި ތަރައްޤީގެ އެކި ޕްރޮގްރާމްތަކަށް ލިބޭ މާލީ އެހީ ދެގުނައަށް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ހިލޭ އެހީ ދޫކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ކައުންސިލްތަކުގެ ބަޖެޓު ތަންފީޒުކުރުމުގައި ރިކަރަންޓް ޚަރަދުތައް ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައެޅުންވެސް މި ބިލުގައި ހިމަނާފައިވެއެވެ.

އަދި އެއްވެސް ޤާނޫނެއްގެ ދަށުން ކައުންސިލްތަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ނުދައްކާ ވާނަމަ، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީ ދޫކުރަންވާނީ އެ ޓެކުހަކަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށްފަހު ބާކީވާ އަދަދު ކަމަށްވެސް މި އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން