ކައުންސިލް އަދި ޑަބްލިއު.ޑީ.ސީ ބައި-އިލެކްޝަންގެ ވޯޓުލުން ހޮނިހިރު ދުވަހު؛ 10 ވޯޓުފޮށި ބަހައްޓާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކައުންސިލް އަދި ޑަބްލިއު.ޑީ.ސީ ބައި-އިލެކްޝަންގެ ވޯޓުލުން ހޮނިހިރު ދުވަހު؛ 10 ވޯޓުފޮށި ބަހައްޓާނެ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) ތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މި އިންތިޚާބުގައި ޖުމްލަ 10 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

2026 ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަމުން އަންނައިރު، ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ 81 އޮފިޝަލުންނަށް ޢަމަލީ ތަމްރީން މިހާރު ވަނީ ދީފައެވެ. އަދި އިންތިޚާބު އޮބްޒާވްކުރުމަށާއި މޮނިޓަރ ކުރުމަށް 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، އިންތިޚާބާ ގުޅޭ ޝަކުވާތައް [email protected] މެދުވެރިކޮށާއި، ވޯޓުލާ ދުވަހު މަރުކަޒުތަކުގެ ވެރިންނަށް ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މި ބައި-އިލެކްޝަނުގައި ޖުމްލަ 4 ގޮނޑިއަކަށް 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން:

- ވ. ތިނަދޫ ކައުންސިލްގެ ރައީސްކަން: އެމްޑީޕީގެ 1 ކެންޑިޑޭޓް އަދި ޕީއެންސީގެ 1 ކެންޑިޑޭޓް

- ހއ. ވަށަފަރު ޑަބްލިއު.ޑީ.ސީގެ ރައީސްކަން: ޕީއެންސީގެ 1 ކެންޑިޑޭޓް އަދި އަމިއްލަގޮތުން ވާދަކުރާ 1 ކެންޑިޑޭޓް

- ސ. ހުޅުދޫ ޑަބްލިއު.ޑީ.ސީގެ މެންބަރުކަން: އެމްޑީޕީގެ 1 ކެންޑިޑޭޓް އަދި ޕީއެންސީގެ 1 ކެންޑިޑޭޓް

- ވ. ތިނަދޫ ޑަބްލިއު.ޑީ.ސީގެ މެންބަރުކަން: އެމްޑީޕީގެ 1 ކެންޑިޑޭޓް އަދި އަމިއްލަގޮތުން ވާދަކުރާ 1 ކެންޑިޑޭޓް

މި އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގައި 5 ފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ފޮށްޓެވެ. އެގޮތުން މާލެ ސަރަޙައްދުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން 4 ފޮށި ބަހައްޓަނީ ޖަމާލުއްދީން ސްކޫލުގައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ސީ.އެޗް.އެސް.އީ ހޯލުގައި 1 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތެރޭގައި ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސ. ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގައި 3 ފޮށި، ހއ. ވަށަފަރު ސްކޫލުގައި 1 ފޮށި، އަދި ވ. ތިނަދޫ ސްކޫލުގައި 1 ފޮށްޓެވެ.

ހޮނިހިރު ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 30 ވާ ހޯމަ ދުވަހުއެވެ.

މިއަދު އޮންލައިން