އިންޑިއާ ސިފައިން ރާއްޖޭގަ ތިބެން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް: ޑިފެންސް މިނިސްޓަރ މާރިޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އިންޑިއާ ސިފައިން ރާއްޖޭގަ ތިބެން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް: ޑިފެންސް މިނިސްޓަރ މާރިޔާ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އޮތް ކައިރިކަމުން ރާއްޖެއަށް މިއޮވެވެނީ އިންޑިއާތެރޭގައި ކަމަށެވެ. ރާއްޖޭގެ އެތެރޭގެ އުދުހުމެއްގައި ނުވަތަ ދަތުރުކޮށްގެން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދެވޭވަރަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އާދެވޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ ރާއްޖެއިން ބޭނުންވަނީ ހުރިހާ ޤައުމަކާއިއެކުވެސް އަސްކަރީ ގުޅުން ބާއްވަން ބޭނުންވަނީ އެއް އުޞޫލަކުން ކަމަށާއި ނަމަވެސް ސްރީލަންކާ އާއި އިންޑިއާ އާއެކު ބޭއްވޭ ގުޅުން އިތުރުވަނީ ރާއްޖޭގެ ސަރަހައްދަށް ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް ފަސޭހަކަމާއިއެކު ރާއްޖޭގެ ސަރަހައްދަށް އެ 2 ޤައުމަށްވެސް ވަދެ އެހީތެރިވެދެވޭނެތީ ކަމަށެވެ. 

މާރިޔާ ވިދާޅުވީ ޗައިނާ އޮތީ ޕެސިފިކް ކަނޑުގައި ކަމަށާއި ރާއްޖެއަށް ކަމެއް ކުރިމަތިވި ނަމަވެސް އެހީތެރިވެދެވޭނީ ރާއްޖޭގެ ސަރަހައްދުގައި ބޭސްއެއް ހަދައިގެން ތިބެ ކަމަށެވެ. ނަމަވެސް ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާ އަށާއި ސްރީލަންކާއަށް ބޭސްއެއް ހަދަން ނުޖެހޭނެ ކަމަށެވެ. 

ރާއްޖެއަށް 1 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމެއް އިންޑިއާއިން ފޯރުކޮށްދޭން އުޅޭ ކަމަށާއި ނަމަވެސް އެކަމުގެ ޝަރުޠުތަކުގެ ތެރޭގައި ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ހިމެނޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ހާމަކުރި ކުރުން މާރިޔާ ސިފަކުރައްވާފައިވަނީ އެއީ "އަޅުގަނޑުމެންގެ ސަރުކާރަށް ލާރި ލިބި ކުރީގެ 5 އަހަރު ދުވަހު އޮތް ކޮރަޕްޓް ޑީލްތަކުގެތެރެއިން ނުކުންނަން އުޅޭތީ އެކަމަށް ކަންބޮޑުވާ ބައަކު ދައްކަމުން ގެންދާ ވާހަކަތަކެއް" ކަމަށެވެ.

"އިންޑިއާ ސިފައިން ރާއްޖެ އަރައި ނުވަތަ ރާއްޖޭގައި ޤާއިމުވެ ތިބެ ނުވަތަ ރާއްޖޭގައި ބޭސްއެއް ނުހަދާނެ ކަމުގެ ޔަޤީންކަން ދެއްވަފާނަންތޯ؟" ދެންނެވުނު ސުވާލަށް ސާފު ޖަވާބު މާރިޔާ ދެއްވާފައެއް ނުވެއެވެ. ވިދާޅުވީ "މިދަންނަވަނީ މިއޮތް ހުރިހާ ދުވަސްވީއިރުވެސް އިންޑިއާގެ ބޭސްއެއް ނެތޭ ރާއްޖޭގަ ހަދާފައެއް. އަދި އިންޑިއާގެ ބޭސް އެއް ރާއްޖޭގަ ހަދަންވީ އެއްވެސް ސަބަބެއް ނެތް. އެއީ މިދަންނަވާހެން އެމީހުންގެ ޤައުމު އެއޮތީ ހަމަ މިރާއްޖެ ތެރޭގައޭ ބުނާހެން. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ހަމަ އެއީ ބޮޑުވާހަކައެކޭ." ކަމަށެވެ.

މާރިޔާގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން