ސިވިލް ސަރވިސް ކޮމިޝަނުން މިމަހުގެ ފަހުކޮޅު ހުސްވާން އަންނަ މެންބަރުކަމުގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުން ރޭ ފާޠިމަތު ޢާމިރާ (ޢާމިރާ މެޑަމް) ޢައްޔަނުކުރުމުން ގިނަ ބައަކު އުންމީދުކުރަނީ ޢާމިރާ މެޑަމް އާއިއެކު އެ ކޮމިޝަނަށް ހެޔޮ، އިޞްލާޙީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ކޮމިޝަނަށް އަދިވެސް ސަލާމަތް ނުވެވިގެން އުޅޭ ސިޔާސީ ނުފޫޒުން ކޮމިޝަން ސަލާމަތްވުމަށް އިތުރު ހިތްވަރަކަށް ވާނެ ކަމަށެވެ. ޢާމިރާ، ކޮމިޝަނުގެ މެންބަރުކަމަށް ރޭ އިންތިޚާބުކުރީ މަޖިލީހަށް ހާޒިރުވި 74 މެނަބަރުންގެ ތެރެއިން 71 މެންބަރުންގެ އިއްތިފާޤުންނެވެ.
އެއްވެސް މެންބަރަކު ދެކޮޅަށް ވޯޓުދީފައެއް ނުވެއެވެ. ސީއެސްސީގެމެންބަރުކަމަށް ކުރިމަތިލި 13 މެނަބަރުންގެ ތެރެއިން ދިރާސާކުރި ކޮމިޓީން 3 ނަމެއް ވަނީ ޝޯޓްލިސްޓްކޮށް މަޖިލީހަށް ހުށަހަޅައިފައެވެ. ކޮމިޓީން 89 އިންސައްތަ ދީފައިވާ ޢާމިރާގެ ނަމަށް ވޯޓަށް އެހުމުން 71 މެންބަރުން ވޯޓޫ ދިނުމުން އިތުރު ނަމަކަށް ވޯޓަށް އަހައިފައެއް ނުވެއެވެ.
ޢާމިރާ އަކީ ސީއެޗްއެސްއީގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭކަނބަލެކެވެ. އެއަށްފަހު ތައުލީމި ދާއިރާގެ އިސް މަޤާމުތަކުގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ.