ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި އަނެއްކާވެސް އޮޅުވާލުމުގެ ކޯލުތަކެއް ބަޔަކު ކަސްޓަމަރުންނަށް ކުރަމުންދާތީ، އެފަދަ ކޯލުތަކަށް ޖަވާބު ނުދިނުމަށް އެބޭންކުން އިލްތިމާސް ކޮށްފިއެވެ.
ބީއެމްއެލްގެ ކަސްޓަމަރުން އަތުން އޮޅޫވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
އެގޮތުން ކާޑުގެ މައުލޫމާތު ހޯދުމަށާއި އެހެން ގޮތްގޮތުން ބީއެމްއެލްގެ ނަމުގައި ގުޅައިގެން މީހުންނަށް އޮޅުވާލާތީ، ބީއެމްއެލް އިން ގެންދަނީ ކަސްޓަމަރުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނުތަކެއް ވެސް ހިންގަމުންނެވެ. އެގޮތުން އެއްވެސް ކާޑެއްގެ މައުލޫމާތު ހޯދަން ބީއެމްއެލް އިން ނުގުޅާނެ ކަމަށް ބުނެ، ބީއެމްއެލްގެ ބައެއް ބްރާންޗްތަކުގައި ދަނީ އިސްތިހާރުވެސް ކުރަމުންނެވެ.
ބީއެމްއެލް އިން ބުނެފައިވަނީ، ކަސްޓަމަރުންނަށް އީމެއިލް އާއި އެސްއެމްއެސް ނުވަތަ ފޯނު ކޯލު މެދުވެރިކޮށް ވެސް ކާޑު ނަންބަރާއި، ކާޑުގެ ސީވީސީ ކޯޑު އަދި މުއްދަތު ހަމަވާ ތާރީޚު އޮޅުން ފިލުވަން އެބޭންކުން ނުގުޅާނެ ކަމަށެވެ.