ޕީޕީއެމްގެ މެންބްރަކަށް ހުންނެވި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ.
މިކަމަށްޓަކައި މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ރިޔާޟް ފާހަގަކުރައްވަނީ ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް އުޞޫލުތަކެއްގެ ތެރެއިން ކަންކަން ކުރައްވައި ވާހަކަފުޅުވެސް ދައްކަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ޕީޕީއެމްގައި ހުންނަވައިގެންވެސް ވަކި އުޞޫލުތަކެއް ހިފެހެއްޓެވުމުގެ ސަބަބުން ގެއްލުންތަކެއްވެސް ލިބިވަޑައިގެންފައިވާ މެންބަރެއްގެ ގޮތުގައި ފާހަގަކުރައްވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ސިޔާސީ ބޭފުޅުން ކޮންމެ ޕާޓީއެއްގައި ތިއްބެވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި ކޮންމެ ޕާޓީއެއްގައި ހުންނަވައިގެން ނަމަވެސް ތެދުވެރި ކަމާއިއެކު ޤައުމަށް ޚިދުމަތް ކުރައްވަމުން ގެންދަވާނަމަ އެކަމުގެ ފައިދާ ޤައުމަށް ލިބެމުންދާނެ ކަމަށެވެ.
ރިޔާޟް ރަޝީދު ވިދާޅުވީ މިރޭ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތުމުން އުފާކުރާނެ ބައަކާއި ކަންބޮޑުވާނެ ބައަކުވެސް ތިބޭނެ ކަމަށެވެ. އަދި މިރެއިން ފެށިގެން ޖުމްހޫރީ ޕާޓީއަށް އިޚްލާޞްތެރިކަމާއިއެކު ޚިދުމަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. މަޖިލީހުގައިވެސް ޖޭޕީގެ އެންމެ ހަރަކާތްތެރި މެނަބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދްވާނެ ކަމަށެވެ.

ރިޔާޟް ރަޝީދުގެ އިތުރުން އައްޑޫ ޒާހިދު އާއި ފިޔޯރީގެ ބައެއް ޒުވާނުން މިރޭ ވަނީ ޖުމްހޫރީ ޕާޓީ އާއި ގުޅިފައެވެ. ރިޔާޟް ޖޭޕީ އާއި ގުޅުމުން ޖޭޕީގެ 22 މެންބަރުން މިހާރު މަޖިލީހުގައި ތިއްބަވާނެއެވެ. އެހެން ކަމުން ޖޭޕީ މިހާރު ވާނީ މަޖިލީހުގައި ދެވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއަށެވެ.