ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް ޔާމީނުގެ ނުފޫޒުތަކުގެ ސަބަބުން ކަންތައްތައް މެދުވެރިވެ ރައްޔިތުންނާއިމެދު ބޭއިންޞާފުން ކަންކަންކުރެވުނު މީހުން މިއަދު އެ ކަންކަން ކުރެވުނުކަން ޤަބޫލުކޮށް އިޞްލާޙުގެ މަގަށް ރުޖޫޢަވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮލާލައްވައިފިއެވެ.
ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު އާއި އިތުރު ބައެއް މެންބަރުން ޖުމްހޫރީ ޕާޓީ އާއި ގުޅުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިންސާނުން ކަމަށްވީތީ ހާލަތު މަޖުބޫރު ކުރުވުމުން ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ ކަމަށެވެ. ގިނަގިނައިން ތައުބާވުމަށް އަންގަވާފައި އެވަނީ އެހެންވެގެން ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ "އިއްޔެ އެގޮތަށް ނިމުނު ކަންތައްތައް މިއަދު މިގޮތަށް" ނިމެމުން މިދާ ސަބަބު ވަރަށް ސާފު ކަމަށާއި އެ ސަބަބު ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުންވެސް ބަޔާންކޮށް ދެއްވާފައި ކަމަށެވެ. "ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރުގައި ވަނީ އެކަން ސާފުކޮށް ބަޔާންކޮށްދެއްވައިފަ. ދައުލަތުގެ މުއައައްސަސާތަކުގެ ވެރިއަކަށް ހުންނަ މީހަކު އެއްވެސް އިރެއްގައި، މިހާރަކަސް އެހާރަކަސް ވަކި ގޮތަކަށް ކަންތައްތައް ނިންމަން އަންގަމުން ގެންދާނަމަ އެކަންތައްތައް ނިންމަން ލިޔެވިފައި އޮންނަ ގޮތަކަށް ނިމެމަކުން ނުދާނެ. އެވާގޮތަކީ ކޮންމެ މީހަކުވެސް އެމީހަކު ދިރިހުރުމަށާ އަނބިދަރިންނަށް ކާންދޭން ބޭނުންވުން. އަނިޔާއިން ސަލާމަތްވާން ބޭނުންވޭ. އެހެންވީމާ އެ ބިރުވެރިކަމުގެ ސަބަބުން ޙައްޤުގޮތުން އޮންނަނީ އަބަދުވެސް ދީލައިލެވިފަ."
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނަށް "ކޮށިދަނޑާއި ކަތިވަޅި އާއި މަރިޔަނބު" ވެސް ގެއްލިގެން ދިއައީ ވެރިކަން ކުރަން ލިބުމުން އަނިޔާވެރިކަން އިސްކޮށް ކަންކަން ކުރަމުން ގެންދިއުމުގެ ސަބަބުން ކަމަށެވެ.
"މިއަދު ފެނިގެން މިދަނީ ޙައްޤުގެ މަގުގައި ތިބި ބައަކަށް ކާމިޔާބު ދެއްވަވާނެ ކަމަށް ﷲ ތަޢަލާ ވަޙީ ކުރައްވަވާފައިވާ ބަސްފުޅުގެ ތެދުކަން. ވަށައިގެން ފެންނަން އޮތް ހަތަރު އުދަރެހުންނާ އަދި މަތިންނާއި އަޑިން ބެލި ނަމަވެސް މިއަދު ފެންނަމުން މިދަނީ ފާއިތުވި 5 އަހަރު ވެރިކަމުގައި ހުންނެވި ބޭފުޅަކު ކަންތައްތައް ކުރެއްވި ގޮތުގެ ނަތީޖާ." ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.