ދޮންފަނު އިންވިޓޭޝަން ކަޕުގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ދޮންފަނުން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ފެށި މި މުބާރާތުގައި ދޮންފަނުން މި މެޗު ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ. މި މެޗުގައި ލަނޑުތައް ޖަހައިދިނީ ޝުހައިލް، ޢަލީ ޝާއިން އަދި އިފްހަމް އެވެ. މީގެތެރެއިން ޢަލީ ޝާއިން ވަނީ 2 ލަނޑުޖަހާ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.
ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށްކުރީކޮޅު ދޮންފަނު ޓީމުން ވަނީ ލަނޑުތައް ޖަހާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ޖެހި ތިންލަނޑާއެކު އެހާފު ނިންމާލީ 3 ލަނޑުގެ ލީޑަކާއެކު ދޮންފަނު އޮވެއެވެ.
ނަމަވެސް ދެވަނަ ހާފުގައި މާޅޮހުގެ ކުޅުން ރަނގަޅުކޮށް ދޮންފަނުގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. އެހެންނަމަވެސް ގޯލު ދާގަނޑުގައި ބޯޅަ ޖެއްސޭގޮތް ނުވެ އުޅެނިކޮށް، 65 ވަނަ މިނެޓުގައި ދޮންފަނުން ވަނީ އެޓީމުގެ 4 ވަނަ ލަނޑުޖަހާ 3 ޕޮއިންޓު ޔަޤީންކޮށްފައެވެ.
މި މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް ޚާއްޞަކޯށްފައުވަނީ މި އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށެވެ.
މިއަހަރުގެ މުބާރާތުގައި 8 ޓީމު ވާދަކުރާ އިރު، މާދަމާގެ މެޗުގައި ބައްދަލުކުރާނީވެސް ގްރޫޕް އޭގައި ހިމެނޭ އޭދަފުއްޓާއި ކަމަދޫ އެވެ.
މިއަދުން ފެށިގެން މި މަހުގެ 17އަށް ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ބައވެރިވެފައިވަނީ ދޮންފަން، މާޅޮސް، ކަމަދޫ، ދަރަވަންދޫ، އޭދަފުށި، ކުޑަރިކިލު، ކިހާދޫ އަދި ގޮއިދޫ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ގޮއިދޫއެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލު މެޗުގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށްފައެވެ.