ސައުތު އެފްރިކަން އެއާލައންގެ ދަތުރުތައް އައްޑޫސިޓީ ގަމަށް މިއަދު ފަށައިފިއެވެ. ހަފްތާއަކު 1 ދަތުރަށް ޝެޑިޔުލްކޮށްގެން ދަތުރުތައް ފެސި ނަމަވެސް ފަސިންޖަރުން ލިބޭ ވަރަކުން ދަތުރުތައް އިތުރުކުރުމަށް ވަނީ ހަަމޖެހިފައެވެ. މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން މިނިސްޓަރު ޢައިޝަތު ނަހުލާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުކަމަށް ބުނުމުން އެއީ ހަމައެކަނި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ކަމަށް ބެލެވޭ ބެލެވުން ނައްތާލައި ރާއްޖޭގެ ކަނކޮޅުތަކުގައި ބައިނަލްއަޤްވާމީ އެއާޕޯޓްތައް ހުޅުވައި ޚިދުމަތް ފުޅައުކުރަން ކަމަށެވެ.
މިރަސްމިއްޔާތުގައި އެއާލައިންގެ ފަރާތުން ވާހަކަ ދައްކަވަމުން ކީތު ވިދާޅުވީ ސައުތުއެފްރިކާއަކީ 06 މިލިއަން މީހުން ދިރިއުޅޭ އަދި އެއަިގެ ތެރޭގައި 3 މިލިއަން މުސްލިމުން ހިމެނޭ ޤައުމަކަށްވުމުން ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން ތިބޭނެ ކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ފަހިކުރެވުނު އިތުރު ދޮރަކަށްވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ކީތު ވިދާޅުވީ ސައުތުއެފްރިކާއަކީ ގިނަ އަދަދަކަށް "ޓޫނާ"ގެ ބާވަތްތައް ބޭނުންކުރާ ޤައުމަކަށްވުމުން ރާއްޖޭގެ ފިނިކުރިމަހާއި މަހުގެ އުފެއްދުންތަކަށް ސައުތުއެފްރިކާގެ ބާޒާރުން ޖާގަ ހޯދޭނެ ކަމަށެވެ. އަދި ޜާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ ބާވަތްތައް ފްލައިޓުގައި ގެނެވޭނެ ކަމަށެވެ.
"20 ޓަނު ކާގޯ ކޮންމެ ފްލައިޓަކުންވެސް އުފުލޭނެ. ފިނިކުރި މަހަށް ބެލި ނަމަވެސް 16 ޓަނު ވަރު ކޮންމެ ފްލައިޓަކުން އުފުލޭނެ." އައްޑޫ ސިޓީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވެސް އެއާލައިންގެ ދަތުރުތައް ފަށަން އުންމީދު ކުރައްވާކަންވެސް ކީތު ހާމަކުރެއްވިއެވެ.