ވިލިނގިލީގަ ހިނގި އަލިފާނުގެ ހާދިސާގަ އަނިޔާވި ފުލުހުންނާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
ވިލިނގިލީގަ ހިނގި އަލިފާނުގެ ހާދިސާގަ އަނިޔާވި ފުލުހުންނާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ގއ. ވިލިނގިލީގައި ހުންނަ ފުލުހުންގެ އެކޮމަޑޭޝަން އިމާރާތުގައި ރޭ ދަންވަރު ރޯވުމުގެ ސަބަބުން، ޒަހަމްވި ދެ ފުލުހުންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބައްދަލު ކުރައްވާ ހާލު ބައްލަވައިފިއެވެ.

ރޭ ދަންވަރު ގާތްގަނޑަކަށް 1:30 އެހާކަންހާއިރު ހިނގި އެހާދިސާގައި އެތަނުގައި އުޅުނު ފުލުހުންގެ ދެ އޮފިސަރަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ. 

ޒަހަމްވި ދެ ފުލުހުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވުމުން އޭނާ މިހާރު ވަނީ އިތުރުފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗް ގައެވެ. 

އެނގިފައިވާ ގޮތުގައި އެދެ ފުލުހުންނަށް ވެސް މިވަގުތު އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ. 

އޭގެ ތެރެއިން ބޮޑަށް ފިހިފައި ވަނީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރަމުން އަންނަ ޕޮލިސް ސާޖަންޓް، ގއ. ދާންދޫ، ބްލޫހެވަން، މުހައްމަދު ނާސިހެވެ. މިހާދިސާގައި އޭނާގެ ހަށިގަނޑުގެ 21 ޕަސެންޓް ވަނީ ފިހިފައެވެ.

ނާސިހުގެ ހާލު ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ހަވީރު އައިޖީއެމްއެޗަށް ވަޑައިގެން، އޭނާގެ އާއިލާއާވެސް ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ނާސިހުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ފުލުހުން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ވެސް އާއިލާއަށް މިނިސްޓަރު އިމްރާން ދެއްވިއެވެ.

 

މިއަދު އޮންލައިން