ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮ ޑްރަގްސް އެންޑް ކްރައިމްސް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިންތިޒާމު ކޮށްގެން "ކައުންޓަރިންގ ދަ ފައިނޭންސިންގ ފޮ ޓެރަރިޒަމް އެންޑް ޕްރޮލިފެރޭޝަން އޮފް ވެފަންސް އޮފް މާސް ޑިސްޓްރަކްޝަން" ގެ ނަމުގައި ސިންގަޕޫރުގައި ބާއްވާ މަސައްކަތު ބައްދަލުވުމަކަށް ރާއްޖެއިން ވަފުދެއް ފުރައިފިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަފުދުގެ އެންމެ އިސް ބޭފުޅަކީ އެސެންޓަރުގެ ޑައިރެކްޓާރ ޖެނެރަލް ބްރިގޭޑިއާރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ކަމަށެވެ. މިވަފުދުގައި ދެއް ހިމެނި ވަޑައިގަންނަވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ކަމާގުޅޭ ދާއިރާގެ ފަންނީ މާހިރުން ކަމަށް ވެސް އެންސީޓީސީ އިން މައުލޫމާތު ދީފައިވެއެވެ.
މިހިނގާ ޑިސެމްބަރ މަހުގެ 4 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމަސައްކަތު ބައްދަލުވުމުގައި ނިރުބަވެރި ހަރަކާތްތަކަށް ފައިސާ ޚަރަދުކުރުން ހުއްޓުވުމަށާއި ފަނާ ކުރަނިވި ހަތިޔާރު ފޯރު ކުރުން ހުއްޓުވުމުގެ ދާއިރާގައި ދުނިޔޭގައި އަމަލު ކުރަމުންދާ ގާނޫނީ އޮނިގަނޑާއި ކުރެވޭ މަސައްކަތްތަކާއި އަދި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން ވެސް ބައިވެރިންގެ މެދުގައި މަޝްވަރާ ކުރެވި ދުނިޔޭގައި އަމަލު ކުރަމުންދާ ރަނގަޅު އުސޫލުތަކަށް ބައިވެރިން އަހުލުވެރި ކުރުވޭނެ ކަމަށް އެންސީޓީސީ ގެ ބަޔާނުގައިވެއެވެ.