ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަނޑައަޅާފައި އޮތް ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ތަފާތުކުރުން ނައްތާލުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެގޮތުން އަންނަ އަހަރުން ފެށިގެން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއް ނެތި 5،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ސޯލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމަށްވެސް ވަނީ ނިންމާފައި ކަމަށާއި އެގޮތުން އެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.
"އެކަން ކުރުމަށް ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައްވެސް މިހާރު ނަގާފަ" މަޚްލޫފް ވިދާޅުވިއެވެ.