1998 ވަނަ އަހަރގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ވަނީ މާލެއަށް އުދުވަހު 200 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ވަނީ 142.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އިއްޔެ މާލޭގެ ބޮޑު ބައެއް ފެނު އަޑިއަށް ދިއައީ ހައކަ ގަޑިއިރު ތެރޭ 139.7 މިލިމީޓަރުގެ ވާރޭ ވެހިގެންނެވެ.
އެހެންކަމަށްވާއިރު 1998 ވަނަ އަހަރާއި 2014 ވަނަ އަހަރު މާގިނައިން ވާރޭ ވެހިގެން ފެންބޮޑު ނުވި ވަރަށް އިއްޔެ 139.7 މިލިމީޓަރުގެ ވާރޭ ވެހިގެން ފޮޑުވުމުގެ ޒިންމާ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު އާއި އެމްޑަބްލިޔޫއެސްސީގެ ސީއީއޯ އިބްރާހީމް ފަޒުލް ރަޝީދު އުފުލަން ޖެހޭނެއެވެ. އެ މައްސަލަ ދައުލަތުގެ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާއިބެހޭ މުއައްސަސާތަކަށް ޖެހޭނެއެވެ. 1998 ވަނަ އަހަރު ފެން ބޭރުކުރާނެ އެއްވެސް ޕަމްޕް ސްޓޭޝަނެއް ނެތެވެ.
2014 ވަނަ އަހަރު އައިރުވެސް ފެން ބޭރުކުރާނެ އެކަށީގެންވާ ވަސީލަތްތަކެއް ނެތެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ވަނީ ދައުލަތުން އެތައް މިލިއަން ރުފިޔާ ޚަރަދުކޮށްގެން 11 ޕަމްޕް ސްޓޭޝަން ހަދައި ޚިދުމަތް ޤާއިމުކޮށްފައެވެ. އިއްޔެ 24 ގަޑިއިރު ތެރޭގައި (ރެއާއިވެސް އެކު) މާލެއަށް ވެހުނޫ 232 މިލިމީޓަރުގެ ވާރޭ ނަމަވެސް މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެ ގެއްލުންތައް ރައްޔިތުންނަށް ލިބުނީ 139.7 މިލިމީޓަރުގެ ވާރޭ ވެހިގެންނެވެ.
ވީމާ ރެއާއި ހަމައަށްވެސް އިއްޔެ ވާރޭ ވެހުނީ ރެކޯޑް އަދަދަކަށް ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތެވެ. މަޤާމުގައި ހުރުމާއި ނެތުމަކީ ތަފާތު ކަމެކެވެ. މަޤާމުގައި ހުރެ ކަމެއްގެ ޒިންމާ އުފުލަންޖެހޭނެއެވެ. ހުރިހާ ޕަމްޕްސްޓޭޝަންތަކަކަށް ބައަކު ގެއްލުންދީ ހަލާކުކޮށްފައިވާ ކަމަށް ޑރ. މުއިއްޒު ދެއްކެވި ވާހަކަތަކަކީވެސް ކަނޑައެލިގެން ދޮގު ވާހަކަތަކެއްކަން ވަނީ ހާމަވެފައެވެ. އެހައި ބޮޑެތި ދޮގުތައް ހަދަން ޖެހުމުގައި ވެސް ފޮރުވިފައިވާ ސިއްރުތަކެއް ވާނެއެވެ.