ވަޒީފާ އަދާކުރާ މުވައްޒިފުންނަސް ލިބެން ޖެހޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުއްވުމުގެ މަސައްކަތް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ފަސްޓަވައިފިއެވެ.
ފައްޔާޟް އިއްޔެ ވިދާޅުވެފައިވަނީ އެންމެ ކުޑަ މުސާރަ ހަމަޖެއްސެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިން އެކުލަވައިލަންޖެހޭ ބޯޑު އެކުލަވައިލަ ދެއްވުމަށް މިހާރު ވާނީ ރައީސުލްޖުމްހޫރިއްޔާގެ އަރިއަހުގައި އެދިވަޑައިގެންފައި ކަމަށެވެ.
އަދި މި މަސަކަތް ނިމުމުން މުވައްޒިފުންނަށް އެކަށިގެންވާ ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މުވައްޒިފުންނަށް ލިބެންޖެހޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ ވާހަކަތައް ދައްކާތާ 20 ވަރަކަށް އަހަރު ވެފައިވީނަމަވެސް މިއަދާއި ހަމައަށް ވެސް އެކަން ވަނީ ނުކުރެވިއެވެ. އެހެންކަމުން އެކަން މިސަރުކާރުން ކޮށްފިނަމަ އެއީ މަސައްކަތްތެރިންނަށް ލިބިގެންދާނެ ކުރިއެރުމެކެވެ.
ބައެއް ފަރާތްތަކުން ބުނަނީ އެކަން ނުކުރެވި ލަސްވަނީ ގިނަ އަދަދެއްގެ މުވައްޒިފުން ގެންގުޅޭ ފަތުރުވެރިކަމާއިބެހޭ ސިނާޢަތުގެ ނުފޫޒުން ކަމަށެވެ. ގިނަ އަދަދެއްގެ ރިޒޯޓުތަކުން ވަރަށް ކުޑަ މުސާރައެއްގައި މުވައްޒިފުން ލައްވައި މަސައްކަތް ކުރުވަން ބޭނުންވާތީ އެއްބާރުލުން ދޭން ބޭނުންނުވާތީ ކަމަށެވެ.