ލޯންޗު ގޮއްވާލުމާއި ގުޅޭގޮތުން އަދީބް ދައްކާ ވާހަަކަ ޤަބޫލު ކުރެވޭ - ޝައިނީ

ކިޔުމަށް ހޭދަވާނީ 1މ 45ސ
ލޯންޗު ގޮއްވާލުމާއި ގުޅޭގޮތުން އަދީބް ދައްކާ ވާހަަކަ ޤަބޫލު ކުރެވޭ - ޝައިނީ

ރިޔާސީ ލޯންޗުކޮޅު ކަމަށްވާ "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ދައްކަވާ ވާހަކަ ގަބޫލުކުރެވޭ ކަމަށް، ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޝައިނީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގިނަ ދުވަސްތަކަކަށްފަހު އަދީބު އާއި ބައްދަލު ކުރެއްވި ކަމަށާއި، ފިނިފެންމާ ލޯންޗުކޮޅު ގައި ބޮމެއް ގޮއްވާލާ އޭނާ މަރާލަން އުޅުނީ ކާކުކަން ސާފު ކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން އަދީބް ދެއްކެވި ވާހަކަތައް ޤަބޫލު ކުރެވޭ ކަމަށް ވެސް ކުރީގެ ފިޝަރީޒް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

 

ލޯންޗުގައި ބޮމެއް ހަރުކުރީ އަދީބުކަމަށް ތުހުމަތުކޮށް އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ ހުކުމް ވެސް އިއްވާފައިވާއިރު، އެ ހާދިސާއާ ގުޅިގެން އަދީބު މީގެ ކުރިން ބުނެފައިވަނީ، ލޯންޗުކޮޅު ގޮއްވާލީ ސަރުކާރު ތެރެއިން އޭނާ ނެރެލުމުގެ ބޭނުމުގައި ކުރީގެ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީން ވަނީ އޭނާ ފްރޭމްކޮށްފައި ކަމަށް ވެސް ވިދާާޅުވެފައިވެއެވެ.

 

އެގޮތުން 2016 ވަނަ އަހަރު ބޭއްވި ލޯންޗްކޮޅު މައްސަލާގެ އަޑުއެހުމެއްގައި އަދީބު ވަނީ، ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ތުހުމަތުކޮށް ހެކި ވެސް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އޭނާ ސަރުކާރުން ބޭރުކުރަން ޖެހިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިކަން ސާބިތުކުރުމަށް ވެސް ހެކި ހުށަހެޅި އެވެ. އަދި މައްސަލައިން ދިފާއުވުމަށް ރައީސް މައުމޫންގެ ނަން ވެސް އަދީބު އޭރު ހުށަހެޅި އެވެ. ރައީސް މައުމޫންގެ ނަން ހުށަހަޅާފައިވަނީ އާރަށަށް ވަޑައިގަތުމަށް އަދީބު ލޯންޗްކޮޅު ބޭނުންކުރެއްވިފަހުން ރައީސް މައުމޫން އެ ލޯންޗްކޮޅު ބޭނުންކުރެއްވިކަން ސާބިތުކުރުމަށެވެ.

މިއަދު އޮންލައިން