ރާއްޖޭގައި އިސްލާމް ދީން މަތިވެރި ކުރައްވާނެ ޤާބިލް ދީނީ ޢިލްމްވެރިން އިތުރުކުރަން މައްސަކަތް ކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދަކީ ރާއްޖެ އިސްލާވީ ދުވަސްކަމަށް ވުމުން އެކަން ފާހަގަ ކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ މިފަދަ ދުވަހަކު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއްކަމަކީ ފާތުވި 892 އަހަރު ފަދައިން ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހިފައިވާ މަސައްކަތްތައް ވަރަށް ގިނަކަން ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގައި އިސްލާމް ދީން މަތިވެރި ކުރައްވާނެ ޤާބިލް ދީނީ ޢިލްމްވެރިން އިތުރުކުރަން ކުރަންޖެހިފައިވާ މަސައްކަތްތަކާއިމެދުގައި ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި އިސްލާމް ދީން ނިކަމެތިކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ނޭދެވޭ އަސަރު އެއްވެސް ހުރަހެއްނެތި އަޅުގަނޑުމެންނާއި ހަމައަށް މިދަނީ ފޯރަމުން ކަމަށެވެ. ގޭގައި ހުންނަ ޓީވީ އާއި އަތުގައި ގެންގުޅޭ ފޯނު ވެސް ހިމެނޭ ގޮތުން ކޮންމެ ވަސީލަތެއް ހުޅުވައިލި ނަމަވެސް އިސްލާމް ދީނުގެ ޙަޤީޤަތް އޮޅޭ ފަދަ އެތައް ބައިވަރު މެސެޖުތައް މިދަނީ ލިބެމުން ކަމަށެވެ. މަންޒަރުތައްވެސް ދަނީ ފެންނަމުން ކަމަށެވެ. އަދި އެކަމުގެ ނޭދެވޭ އަސަރުތައް ވެސް ގިނަ ބައަކަށް މިދަނީ ކުރަމުން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ މިފަދަ ދުނިޔެއެއްގައި އުޅެންޖެހިފައިވާއިރު އިސްލާމް ދީން މަތިވެރިކުރުމަކީ ހަމަ އެކަނި ތާރީޚީ ވާހަކަތައް ދައްކައި މަޒީއާއިމެދު ފަޚުރުވެރިވެގެން އެކަނި ކުރެވެން އޮތް ކަމެއް ނޫން ކަމަށާއި އިސްލާމް ދީން މަތިވެރި ކުރެވޭނީ ކުރިމަތިކުރުވާ މައްސަލަތައް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވޭވަރުގެ ޤާބިލު ޢިލްމުވެރިން އިތުރުކޮށްގެން ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ދީނީ ތަރުބިއްޔަތާއި ތައުލީމު ދިނުމަކީ ވަކި ގްރޭޑްތަކަކަށް ނުވަތަ ވަކި މީޑިއަމަކަށް ޚާއްޞަ ކަމަކަށް ހަދައިގެން ތިބެވެން މިހާރު ނެތް ކަމަށާއި ކޮންމެ މީޑިއަމަކުން ކިޔެވި ނަމަވެސް އަދި ކޮންމެ ފެނަވަރެއްގައި ތަޢްލީމް ޙާޞިލް ކުރި ނަމަވެސް ދީނީ ތަޢްލީމުގެ ބައިތައް ހިމަނަން ޖެހިފައިވާ ކަމަށެވެ. ހަމައެއާއިއެކު އެ ބައިތައް ކިޔަވައިދޭނެ ޤާބިލް ދީނީ ޢިލްމުވެރިންގެ އެހީތެރިކަންވެސް އެހައިމެ މުހިންމު ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ހަމަ އެކަނި މިސްކިތްތަކުގައި ދަރުސްދީގެން މިއަދު ފުއަދައިލެވެން ނެތްކަން ޤައުމުގައި ހިންގަމުންދާ ކަންކަމަށް ވިސްނުމުން މިދަނީ އެނގެމުން ކަމަށެވެ. އެހެންކަމުން ދޮރުން ދޮރަށް ހިނގައި ޢާއިލާ ތަކާއި ބައްދަލުކޮށް ދީނީ މައުލޫމާތު ދިނުމުގެ ޚިދުމަތަކީވެސް ފަށަންޖެހިފައިވާ ޚިދުމަތެއްކަން މިދަނީ އެނގެމުން ކަމަށެވެ. އަދި މިފަދަ ކަންކަމުންވެސް އެނގެނީ ޤާބިލު ދީނީ ޢިލްމުވެރިންނަށް ބޭނުން ބޮޑުވެފައިވާ މިންވަރު ކަމަށެވެ.
ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ވިލާ ފައުންޑޭޝަނުގެ ސްކޯލާޝިޕްތަކުގައި މަތީ ތައުލީމް ޙާޞިލުކުރި ބައެއް ދަރިވަރުންންނަކީ މިހާރުވެސް ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންކަން ފާހަގަކުރެވެއެވެ.