ދިވެހި މުޖްތަމަޢުއިން ކޮރަޕްޝަންގެ ނުބައި ޢަމަލު ފޮހެލުމަކީ، ނުވަތަ ކޮރަޕްޝަންގެ ޢަމަލުތައް މަދުކުރެވިފައިވާ މުޖްތަމަޢުއަކަށް ހެދުމަކީ، މިއަދު އަޅުގަނޑުމެން ކަނޑައަޅަންޖެހޭ މުހިއްމު ޤައުމީ ލަނޑުދަނޑިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އޭސީސީން ނެރުނު ރިޕޯޓަށް ދެއްވި ޚިޠާބުގައެވެ.
ކޮމިޝަނުން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ ޚާއްސަ އަދަދުގައި ހިމަނާފައިވާ މިޚިޠާބުގައި އެމަނިކުފާނުވަނީ މިފަދަ ދުވަހެއް ފާހަގަކުރަމުން ދާއިރު، އަޅުގަނޑުމެން ސަމާލުކަންދޭންވީ، ކޮރަޕްޝަންގެ ނުބައި ޢަމަލު މި ދިވެހި މުޖުތަމަޢުގައި ފެތުރެމުންދާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މައްޗައްކަމަށްވެސް ވިދާޅުވެފައެވެ.
ޤާސިމް އިބްރަހީމް ވިދާޅުވެފައިވަނީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައްވެސް ހާމަކަން ބޮޑު ދެ ފުށް ފެންނަ ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުމަކީވެސް ކޮރަޕްޗަންގެ ވަބާއިން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށާއި އަދި އެއީ ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
އެހެން ބައެއް ޤައުމުތައް ފަދައިން ރާއްޖޭގެ ތަރއްޤީއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް އަދި ޤައުމީ ފުދުންތެރިކަން ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ފޯރުކޮށް ނުދެވޭ އެއް ސަބަބަކީވެސް ކޮރަޕްޝަން ކަމުގައި ކޮރަޕްޝަން ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.