ސަމާލުވަމާ! ބޭރަށް ހިންގުމާއި ޑެންގޫ ފެތުރެމުން އެބަދޭ!

ކިޔުމަށް ހޭދަވާނީ 1މ 43ސ
ސަމާލުވަމާ! ބޭރަށް ހިންގުމާއި ޑެންގޫ ފެތުރެމުން އެބަދޭ!

މި ދުވަސްވަރަކީ ބޭރަށް ހިންގުމާއި ޑެންގޫ ހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ މިކަމަށް ސަމާލު ވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީި (އެޗްޕީއޭ) އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

 

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއޭޖެންސީގެ އެޕިޑެމިއޮލޮޖިސްޓްސް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ބޭރަށް ހިންގުމާއި ޑެންގޫ ހުން މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ.

 

        

 

ޑރ. އަފްޒަލް ވިދާޅުވީ މިދިޔަ ދެ ހަފްތާ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ 1666 ކޭސް އެޗްޕީއޭ އަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މި އަދަދަކީ މިދިޔަ އަހަރުގެ މިދުވަސްވަރު ރިޕޯޓް ކުރެވުނު ކޭސް ތަކާ އަޅާ ބަލާއިރު ފަސް އިންސައްތަ އިތުރު އަދަދެއް ކަަމަށެވެ. އަދި ނިމިގެން ދިޔަ ދެ ހަފްތާ ތެރޭގައި ޑެންގޫގެ 186 ކޭސް ވެސް ރިޕޯޓްކޮށްފައިވާ ކަމަށާއި މި އަދަދަކީ މިދިޔަ އަހަރުގެ މިދުވަސްވަރު ރިޕޯޓް ކުރެވުނު ކޭސް ތަކާ އަޅާ ބަލާއިރު ހައެއް އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

 

ބޭރަށް ހިންގުމާއި ޑެންގީ ހުން އެކި ހިސާބުތަކުގައި ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ބައެއް ކަހަލަ ފިޔަަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

އެގޮތުން ބަލިވެ އުޅޭ މީހުންނާ އެހާ ބޮޑަށް ކައިރިވެ ނޫޅުމަށާއި، ރައްކާތެރި ގޮތުގައި ތައްޔާރުކުރެވިފައި ހުންނަ ކާބޯތަކެތި ބޭނުން ކުރުމަށާއި، ސާފު ފެން ބުއިމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

 

ޑެންގޫހުން އިތުރަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި މަދިިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި ހަފްތާ އަކު އެއްފަހަރު ނަމަވެސް މިގޮތަށް ފެން ހަރުލާ ތަނެއް ހުރިތޯ ބެލުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު އޮންލައިން