ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢަމަލުކުރައްވަމުން ގެންދަވަނީ އެމަނިކުފާނު ސޮއިކުރައްވާފައިވާ ކޯލިޝަންގެ އެއްބަސްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ ޢާއި ބައެއް ބޭފުޅުން ގުޅިވަޑައިގަތުމަށް މިއަދު ހަވީރު ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހައި ތަނަށް އެއްވެސް ކަމެއްގައި އެއްބަސްވުމާއި ޚިލާފުވެވަޑައިގެންފައި ނުވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސާބިތުކަމަށް ތައްރީފްކުރައްވާ ކަމަށާއި އަދި ޝުކުރުވެސް އަދާ ކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޞާލިޙް ރޭ ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާއިވެސް ބައްދަލކުކުރައްވައި އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ގޮނޑިތައް ޙިއްޞާކުރާނެ ގޮތާއިބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުޙައްމަދު ވަރަށް ރަނގަޅަށް ކުރެއްވި ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
ޤާސިމް އިބްރާހީމް މިއަދުވެސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެސް އަދި އެމަނިކުފާނުގެ ވެސް ހުރިހާ ޢަޒުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ޚިދުމަތް ކުރެއްވުން ކަމަށެވެ. ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފް ނުވެ ސަރުކާރުން ކުރާ ހުރިހާ ކަމަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށެވެ.