ނޫސްވެރިކަމަށް ހުރި ހުރިހާ ހުރަސްތަކެއް މިސަރުކާރުން ނެތިކޮށްލާނެ: ހޯމް މިނިސްޓަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ނޫސްވެރިކަމަށް ހުރި ހުރިހާ ހުރަސްތަކެއް މިސަރުކާރުން ނެތިކޮށްލާނެ: ހޯމް މިނިސްޓަރު

ރާއްޖޭގެ ނުސްވެރިންނަށާއި ނޫސްވެރިކަމަށް ހުރި ހުރިހާ ހުރަސްތަކެއް މިސަރުކާރުން ނެތިކޮށްލާނެ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

 

ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލް ފާހަގަކުރުމަށާއި ނޫސްވެރިކަމުގެ ޤައުމީ އިނާމުދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޝައިޚް އިމްރާން ވިދާޅުވީ ވެރިންނަށް އަދި ރައްޔިތުން ކަންކަމަށް އިސްކުރާ މީހުންގެ އަމަލުތަކަށް ބަސް ބުނުމުގެ ފުރުޞަތު ލިބެނީ ކޮންމެ 5 އަހަރަކުން ބާއްވާ އިންތިޚާބުތަކުގައި ކަމަށެވެ. އަދި މިމުއްދަތުގައި ސަރުކަރާއި ވެރިން ޒިންމާދާރުކުރުމުގެ މަސައްކަތް ކުރަނީ މިނިވަންކަމާއިއެކު މަސައްކަތްކުރާ ނޫސްވެރިން ކަމަށެވެ. "އެހެންވީމާ އެ ނޫސްވެރިންގެ ޒިންމާދާރުކަމުގެ މައްޗަށް މެނުވީ ދައުލަތް ޒިންމަދާރު ނުކުރެވޭނެ. އެސަބަބަށްޓަކައި މިނިވަން ނޫސްވެރިކަމަށް މާހައުލު ތަނަވަސްކޮށްދީ މަގުފަހިކޮށްދޭން ޖެހޭ."

 

"މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ޚުދުމުޚުތާރުވެރިކަމެއްގެ ފެށުން. އަނިޔާވެރިކަމާ ރައްޔިތުންގެ މައްޗަށް ބާރުވެރިވެގަންނަން ފެށޭ ހިސާބު. ރައްޔިތުންގެ ހައްޤުތައ ގެއްލުވައިލާ ރައްޔިތުންގެ މުދަލާއި ފައިސާ ނިގުޅި ފަސާދައާ ކޮރަޕްޝަން ޢާންމުވެ މުޖުތަމައު ފަސާދަވެގެންދާ ހިސާބު."

 

ޝައިޚް އިމްރާން ވިދާޅުވީ މި ސަބަބުތަކަށްޓަކައި ފެހި ޤާނޫނު އަސާސީއަށްފަހު މިނިވަން ނޫސްވެރިކަމަށް ފުރުޞަތުތައް ފަހިކޮށްދެވުނު ކަމަށެވެ. ނަމަވެސް ހިތާމަ އާއިއެކު ފާހަގަކުރަންޖެހެނީ ފާއިތުވި (ރައީސް ޔާމީނުގެ ވެރިކަމުގައި) މިނިވަން ނޫސްވެރިކަން އޮތީ ކަސްތޮޅު އަޅުވާފައި ކަމަށެވެ. ނަމަވެސް މިއީ މިސަރުކާރު ބަލައިގަންނާނެ ކަމަށެވެ. "ނޫސްވެރިނަ ކަތިއަޅުވައި ދަތިކޮށް ވައްޓަލުމަށް ޖަހާފައިވާ ހުރިހާ މަޅިތައް މާތްﷲ އިރާދަ ކުރެއްވިއްޔާ މިސަރުކާރުން ނައްތައިލާނަން. ނޫސްވެރިންނަށް ލިބެމުން އައި އަނިޔާތަކާ ޖަހަމުން އައި ޕެޕަރސްޕްރޭ ތަކަށް މިސަރުކާރުން އިރާދަކުރެއްވިއްޔާ ނިމުން ގެންނާނަން. ފެހި ޤާނޫނު އަސާސީން ދައްކައިދީފައިވާ އެންމެ މިނިވަން މަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސަރުކާރުން ދައްކައިދޭނަން."

 

ޝައިޚް އިމްރާން ވަނީ ނޫސްވެރިންގެ ކިބައިން 3 ކަމަކަށް އެދިވަޑައިގެންފައެވެ. ފުރަތަމަ ކަމަކީ ނޫސްވެރިކަމުގެ ތެރެއިން މަސައްކަތް ކޮށްގެން ނޫސްވެރިންނާ މުޖުތަމައުގެ އަކްލާޤިއްޔާތު ހިފަހައްޓައިދިނުމަށް މަސައްކަތް ކުރުމެވެ. ދެވަނަ ކަމަކީ ދިވެހި ބަހަކީ ދިވެހި ޤައުމިޔަތުގެ އެންމެ އަސާސީ ރުކުން ކަމުގައިވާހިނދު ބަސް ބޭނުންކުރުމުގައި ބަހުގެ އަދަބިއްޔާތު ހިފަހައްޓައިދިނުމަކީ ނޫސްވެރިންގެ ފަރުދީ ޒިންމާއެއް ކަމަށް ބަލައި އެކަމަށް ޚާޞް ސަމާލުކަމެއް ދީގެން ޏޫސްވެރިކަމާއި މީޑިއާގައި މަސައްކަތް ކޮށްދިނުމެވެ. ތިންވަނަކަމަކީ ނޫސްވެރިންގެ ހައިޞިއްޔަތުން މަސައްކަތްކުރާއިރު ދިމާވާ ކޮންމެ ކަމެއްގައި ޤައުމީ މަޞަލަހަތު އޮތީ ކޮން ގޮތަކަށްތޯ ބަލައި އެކަމާއި ވިސްނައި ފިކުރުކޮށް، ނޫސްވެރިކަން ޤައމީ މަޞްލަޙަތު ކުރިއަރާނެ ގޮތަށް ކުރިއަރަމުން ގެންދިއުމެވެ.

 

ޝައިޚް އިމްރާން ވިދާޅުވީ މި ކަންކަމަށް ސަމާލުކަން ދީގެން ނޫސްވެރިކަންކުރާނަމަ ނޫސްވެރިންނަކީ ޤައުމު ބިނާ ކުރުމުގެ އެއްތަނބަށް ވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން