އޮސްޓްރޭލިއާގެ މަޝްހޫރު "ގްލޯރިއާ ޖީންސް ކޮފީސް" ގެ ފްރެންޗައިސް ރެސްޓޯރެންޓްގެ ތިން ވަނަ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ.
އަމީރު އަހުމަދު މަގު، ވެލާނާގެ ކުރިމައްޗަށް ވާގޮތަށް ހުންނަ އިމާރާތުގައި ހެދި އެ އައުޓްލެޓް ހުޅުއްވައިދެއްވީ އެކަމަށްޓަކާ އެ ރެސްޓޯރެންޓުގައި އިއްޔެ ހަވީރު ބޭއްވި ހަފްލާއެއްގައެވެ.
އައުޓްލެޓް ހުޅުއްވައިދެއްވީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔަ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އެވެ.
ގްލޯރިއާ ޖީންސް އިން ބުނީ، އެ ފްރެންޗައިސްގެ އާ އައުޓްލެޓް އިއްޔެ ހުޅުވިނަމަވެސް، އާންމުންނަށް އެތަނުން ހިދުމަތް ދޭން ފަށާނީ މިރޭ 20:00 އިން ފެށިގެން ކަމަށެވެ.
ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގްލޯރިއާ ޖީންސް ކޮފީސްގެ ފުރަތަމަ އައުޓްލެޓް ރާއްޖޭގައި ހުޅުއްވީ މިއަހަރުގެ އޭޕްރިލް މަހު ރަސްފަންނުގައި ތަރައްގީކޮށްފައިވާ ޕެވިލިއަންގައެވެ. އަދި މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ދެވަނަ އައުޓްލެޓް އެއާޕޯޓް ޑިޕާޗާ ޓާމިނަލުގައި ހުޅުވިއެވެ.
ގްލޯރިއާ ޖީންސް ކޮފީ އަކީ ދުނިޔޭގެ 39 ގައުމެއްގައި ފްރެންޗައިސް 1000 އަށް ވުރެ ގިނަ ރެސްޓޯރަންޓް ހިންގަމުން އަންނަ މަޝްހޫރު ބްރޭންޑެކެވެ.