މާޅޮހު މަޖުދީ އަވަހާރަވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މާޅޮހު މަޖުދީ އަވަހާރަވެއްޖެ

 

މާޅޮހު މަޖުދީ އަވަހާރަވެއްޖެއެވެ.

މަޖުދީ އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޢާއިލާއިން ބުނީ ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ ޢަޞްރުނަމާދަށްފަހު އާސަހަރާ މިސްކިތުގައި ކަމަށެވެ. މަޖުދީއަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާތު މަޤާމުތަކުގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މިހާރު އަމަލުކުރާ ފެހި ޤާނޫނު އަސާސީ އެކުލަވައިލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މެންބަރެކެވެ. މަޖުދީއަކީ ފެށުނީންސުރެ ޖުމްހޫރީ ޕާޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ އެޕާޓީގެ ވަރަށް އިސް މެންބަރެކެވެ. މަޖުދީ އަކީ ޕާޓީގެ އިސްލާމީ ކަންތައްތަކާއިބެހޭ ކޮމިޓީގެ ޗެއާރ އެވެ.

ޖޭޕީގެ އަމީން ޢާންމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވީ ރޭ އިރާކޮޅު ވެސް ޕާޓީގެ އޮފީހުގައި މަޖުދީ ވަރަށް ގިނަ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ކަމަށެވެ.

މަޖުދީއަކީ ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި ކުރެއްވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ އަދި އެނގިވަޑައިގަންނަވާ ވަރަކުން ދީނުގެ ކަންކަމަށް މީހުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މަރްޙޫމްގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ހެޔޮ ރަޙްމަތް މިންވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވަވާށި! އާމީން.

މިއަދު އޮންލައިން